ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 5000 ވޯޓު ކާމިޔާބުކުރެއްވި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމައިފި އެވެ.
މި ނިންމުމަށްފަހު، ގާސިމް ވިދާޅުވީ، ބެލި ބެލުމުން ސާބިތުވީ ކެމްޕެއިނުގައި އޭނާ ދެއްކީ ރަނގަޅު ވާހަކަ ކަމަށާއި އެކަންކަން ނުވާ ކަމަށް ހަދައިގެން ވަކި ބައެއްގެ ކޮޅަށް އެރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
ގާސިމް ވަނީ ކެމްޕެއިނު ތެރޭގައި ސަރުކާރުން އިންޑިއާއާ އޮންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ރައީސް ވަނީ ކޯލިޝަން ހެދުމަށް “ކޮންވިންސް” ކޮށްދިނުމަށް އެކަމާ ގުޅޭ ބައެއް ޑޮކިއުމެންޓުތައް ދައްކައިފައެވެ.
އެކަމާ ގުޅިގެން ގާސިމް ވިދާޅުވީ ޑޮކިއުމެންޓުތަކުގައި އޮތީ ރަނގަޅު އެއްޗެއް ނަމަ، މިއަދުގެ ނިންމުން ތަފާތު ވާނެ ކަމަށެވެ.
“އަޅުގަނޑަށް ފެނޭ އޭގެ ގާނޫނީ ގޮތުން ހުރި ނުރައްކާތައް، އޭގެ ތަފްސީލް ދޭކަށް ނެތިން،” އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވި އެވެ.