މި މަހުގެ 30ގައި އޮންނަ ރިޔާސީ އިންތިހާބަށް ރީ-ރަޖިސްޓްރީ ކުރަން ބޭނުންކުރާ ޕޯޓަލް ހެކްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ރީރެޖިސްޓްރޭޝަންގައި ހުރި ކަންބޮޑުވުންތަކާއެކު އިދިކޮޅުން މިއަދު އީސީއާ ބައްދަލުކުރުމަށްފަހު، އެ ކޮމިޝަނާ ހަވާލާދީ ބުނެފައިވަނީ ހެކަރުންގެ އެޓޭކްތަކެއް ޕޯޓަލަށް އަންނަމުންދާ ކަމަށެވެ.
އެ ވާހަކަތައް ދޮގުކޮށް، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ހެކް ކުރުމަށް ހަމަލާތަކެއް ދޭން އުޅުނަސް އެކަން ދެނެގަނެ، ހައްލުކުރުމުގެ ގާބިލުކަން، ގާއިމްކޮށްފައި ހުންނާނެ ކަމަށެވެ.