ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދަތުރުކުރުމަށް ނަގަން ޖެހޭ ޝެންގެން ވިސާ އޮންލައިންކޮށް އީ-ވިސާއެއްގެ ގޮތުގައި ނެގުމުގެ ފުރުސަތު ދިވެހީންނަށް ފަހިވެއްޖެއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދެއްވީތީ ޔޫރަޕިއަން ކައުންސިލަށް ޝުކުރު އަދާކުރައްވާ ކަމަށާއި ޔޫރަޕިއަން ކައުންސިލުން އެ ނިންމުމާ ގުޅިގެން ކުރަން ޖެހޭ އިދާރީ ތައްޔާރީތަކަށްފަހު، މިކަން ތަންފީޒުކުރަން ފަށާ ތާރީޚެއް ފަހުން އިއުލާން ކުރާނެކަމަށާއި އެ އިންތިޒާމް ހަމަޖެހިގެން ދިޔުމުން ޝެންގެން ވިސާ ނެގުމަށް ދިވެހިން ބޭރު އެއްވެސް ގައުމަކަށް ނުގޮސް، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް އީ-ވިސާ ނެގޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޝެންގެން ވިސާއާއި އެކު ޔޫރަޕުގެ 27 ގައުމަށް ދަތުރުކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެން ދެއެވެ. 27 ގައުމުގެ ތެރޭގައި އޮސްޓްރިއާ، ބެލްޖިއަމް، ޗެކް ރިޕަބްލިކް، ކޮރޭޝިއާ، ޑެންމާކު، އެސްޓޮނިއާ، ފިންލޭންޑު، ފްރާންސް، ޖަރުމަނު، ގްރީސް، ހަންގޭރީ، އައިސްލޭންޑް، އިޓަލީ، ލެޓްވިއާ، ލިތޭނިއާ، ލެކްސަމްބާގް، މަލްޓާ، ނެދަލެންޑްސް، ނޯވޭ، ޕޮލެންޑު، ޕޯޗުގަލް، ސޮލޮވޭކިއާ، ސްލޮވޭނިއާ، ސްޕެއިން، ސްވިޑެން، ސްވިޒަލޭންޑް އަދި ލިންޗެސްޓެއިން ހިމެނެއެވެ.
މިދިޔަ ފަސް އަހަރު ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ޔޫރަޕިއަން ޔޫނިއަންއާ އެކު ފޮރިން މިނިސްޓްރީއިން ވަނީ ތަފާތު މަސައްކަތްތަކެއް ކޮށްފައެެވެ. މިހާރު ދިވެހި ޕާސްޕޯޓަށް ކުރިން ވިސާ ނެގުމަކާ ނުލައި 101 ގައުމަކަށް ދަތުރުކުރެވެއެވެ. ދިވެހި ޕާސްޕޯޓަކީ މި ސަރަހައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓެވެ.