މޯލްޑިވިސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް ދިނުމާއެކު އެ ދެ ބޭފުޅުން މިނިވަން ވެއްޖެއެވެ.
ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްފައިވާކަން ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. 1.3 ބިލިއަނަށްވުރެއް ގިނަ ރުފިޔާގެ ވައްކަމުގެ މައްސަލަ ސާބިތުވި އިރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އަބްދުﷲ ޒިޔަތުއެވެ. އަދި ވައްކަމުގެ މޭސްތިރިޔާ ކަމަށް ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އޭރު ހުރީ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރުގެ މަގާމުގައެވެ.
ޒިޔަތު މިނިވަން ކުރިއިރު ޒިޔަތުގެ މައްޗަށް އާ ތިން ދައުވާއެއް ކުރަން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. މީގެ އިތުރުން ޒިޔަތު މިނިވަން ކުރިއިރު ޒިޔަތު ދިޔައީ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް, ގޭ ބަންދުގައި ހުރެ ތަންފީޒު ކުރަމުންނެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މައްސަލަތަކަކީ 03 މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރިވި މައްސަލައަކާއި ހަ މިލިއަން ޑޮލަރަކަށް ހިޔާނާތްވި މައްސަލައަކާއި އެއް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވި މައްސަލައެކެވެ. އެ ތިން ދައުވާގެ އަދަބެއްގެ ގޮތުން ޖުމްލަ 12 އަހަރުގެ ޖަލު ހުކުމެއް ޒިޔަތުގެ މައްޗަށް އިއްވުމަށް ދައުލަތުން އެދެއެވެ.
އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވުމާއެކު އަދީބަށް ވެސް 20 އަހަރުގެ ޖަލު ހުކުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އިއްވާފައެވެ. އެއީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެ ހުކުމުގައި އޭނާ ތަންފީޒު ކުރެއްވީ ތިން އަހަރާއި އެއް މަސް ދުވަހުގެ މުއްދަތެކެވެ. އެހެން ނަމަވެސް އޭނާގެ ބަލި ހާލަތާ ގުޅިގެން ގޭ ބަންދަށް ބަދަލުކޮށްފައި ހުންނަތާ އަހަރުތަކެއް ވެއްޖެއެވެ.
އަދީބަށް މައާފު ދީފައިވާއިރު, އޭނާ ވަނީ މީގެ ކުރިން ޓަގު ބޯޓެއްގައި ރާއްޖެއިން ފިލައިގެން ގޮސްފައެވެ. އޭނާ އަތުލައިގަނެވުނީ އިންޑިއާގެ ޓުޓިކޮރިން އިންނެވެ.