ފަހަކަށް އައިސް ތައްޔާރީ ކާނާއާއި ޑިޕްރެޝަނާއި އޮންނަ ގުޅުމާއި މެދު މީހުންގެ މެދުގައި އަންނަނީ ގިނަ ސުވާލުތަކެއް އުފެދެމުންނެވެ. އަދި މިކަމާއި ގުޅިގެން ހެދޭ ރިސާޗުތަށްވެސް ގިނަވެއްޖެއެވެ. އެގޮތުން “ޖާމާ ސައިކޭޓްރީ” ނަމަކަށް ކިޔާ ޖާނަލް އެއްގެގައި ޝާއިޢުކުރެވިފައިވާ ދިރާސާއަކުން ދައްކާގޮތުގައި ތައްޔާރީ ކާނާގެ ސަބަބުން ޑިޕްރެޝަންގެ އަލާމާތްތައް އިތުރުވާން ދިމާވެއެވެ.
ތައްޔާރީ ކާނާއަކީ އާނމުގޮތެއްގައި އޭގައި ގިނަ އަދަދެއްގެ ހަކުރު އެކުލެވޭ، ގެއްލުންހުރި ސަރުބީ އަދި އިތުރު ތައްޔާރީ މާއްދާތައް ހިމެނޭ ކާނާތަކެކެވެ. މި ބާވަތްތަކުގެ ކާނާގެ ސަބަބުން ޑިޕްރެޝަންގެ ނުރައްކާ ބޮޑުވާ މައިގަނޑު ސަބަބަކީ މިކާނާތަކުގައި ހުންނަ އާޓިފިޝަނަލް ސްވީޓްނާސް ނުވަތަ ގިނަ ދުވަހަށް ދެމިހުންނަ ގޮތަށް ފޮނިރަހަ ލައްވާފައި ހުރުންކަމަށް ވެސް މި ދިރާސާއިން ދައްކައެވެ. މީގެ އިތުރުން މިފަދަ ތައްޔާރީ ކާނާ ތަކަކީ އޭގައި އިންސާނާގެ ސިކުނޑި ދުޅަހެޔޮ ކޮށްދިނުމަށް ބޭނުންވާ އަސާސީ ނިއުރިއަންޓްސް އަދި ވިޓަމިން މަދު ކާނާ ކަމުން ސިކުނޑިއަށް އޭގެން ނޭދެވޭ އަސަރު ކުރާކަމަށް ފާހަގަވެއެވެ.
މިފަދަ ތައްޔާރީ ކާނާތަކުގެ ތެރޭގައި އެންމެ ބޮޑަށް ޕްރޮސެސް ކުރެވިފައި ހުންނަނީ އާނމުކޮށް އަހަރުމެން ކެއުމުގައި ބޭނުން ކުރާ ސޮސެޖް، ޕެކެޓް ކުރެވިފައިވާ ކާނާ، ޗީޒް، އެކި ބާވަރުގެ ޖޫސް އަދި ފިޒީ ޑްރިންކް އަދި ފޮނި ތަކެއްޗެވެ.
އަހަރުމެންގެ ހަށިގަނޑަށް އެތެރެވާ މާއްދާއަކީ އަހަރުމެންނަށް ގެއްލުން ދޭނެ ތަކެއްޗަށް ނުހެދުމަކީ އަހަރުމެންގެ ޒިންމާއެކެވެ. ވީމާ ކެއުން ބުއިމުގައި މޭވާ، ތަރުކާރީ، ގޮވާމުގެ ބާވަތައްތަކާއި ޕްރޮޓީންސް ހިމެނުމަކީ ތިބާގެ ހަށިގަނޑު ދުޅަހެޔޮވުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަންވެސް ގެނެސްދޭނެ ކަމެކެވެ.