ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ރަލާއެކު ރޭގެ ވަގުތަކު ފުލުހުން ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފައިނޭންސް މެނޭޖަރު ހައްޔަރުކޮށްފައެވެ.
އާރްޑީސީގެ 13 މިލިއަން ރުފިޔާގެ ޚިޔާނާތަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް އިއްޔެ އާރްޑީސީގެ އޮފީހަށް ފުލުހުން ވަދެ ފާސްކުރި އިރު، ރޭގެ ވަގުތެއްގައިވަނީ އޭނާގެ ގެވެސް ވަނީ ބަލާފާސްކޮށްފައެވެ. އޭނާ އުޅޭ ތަން ފާސްކުރި އިރު ބަނގުރާ ހުސްކުރި ފުޅި އާއި މަސްތުވާ އެހެން ބާވަތެއް ވެސް ފެނިފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފައެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ފުލުހުން ވަނީ އިއްޔެ ހެނދުނުން ފެށިގެން އިއްޔެ ރެއާއި ހަމައަށް އެއޮފީސް ބަލާފާސްކޮށްފައެެވެ. އަދި ފުލުހުންގެ އިތުރު ތަހުގީގަށް މިމައްސަލައާއި ގުޅުންހުރި ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއްވަނީ ގެންގޮސްފައެވެ.
އާރްޑީސީގެ ކޮންމެ ޑިޕާޓްމަންޓަކުން އެއް މުވައްޒަފަކު ފިޔަވައި އެހެން ހުރިހާ މުވައްޒަފުން އޮފީހުން ނެރި ފުލުހުންނާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޓީމެއް އާރުޑީސީ ތެރޭ އިއްޔެ ހަރަކާތްތެރިވީ އާރްޑީސީގެ ބީއެމްއެލް އެކައުންޓުން 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލައާ ގުޅިގެންނެވެ.
ގިނަ އަދަދެއްގެ ފައިސާ ކޮންމެ މަހަކު ވެސް ފޮނުވަނީ ޕެޓީ ކޭޝް ގެންގުޅުމާ ގުޅޭ ގޮތުންކަމަށާއި އެ ފައިސާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ބޭންކު އެކައުންޓަށް ކޮންމެ މަހަކުވެސް ޖަމާވާކަމަށް ބުނެ މީޑިއާތަކުން ރިޕޯޓުވެސް ވަނީ ކޮށްފައެވެ.
ފުލުހުންގެ އޮޕަރޭޝަނާ ގުޅޭގޮތުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ އެއްވެސް ކަމެއް ނުވާ ކަމަށާއި އެ އޮފީހަށް ފުލުހުން ވަނީ “ހެޑްލައިން ހަދަން” ކަމަށެވެ. އަދި އޭނާ ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފާޑު ވިދާޅުވެފަ އެވެ.
ގެ ވަގުތަކު ފުލުހުން ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފައިނޭންސް މެނޭޖަރު ހައްޔަރުކުރުމާއި ބެހޭގޮތުން އާރްޑީސީ އަދި ފުލުހުންގެ ބަހެއްވެސް ލިބޭގޮތް ވަނީ ނުވެފައެވެ.