ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެން ދެދުވަހަށް ވެފައިވަނިކޮށް އެސިސްޓެންޓް ކޮމިޝަނަރުންގެ ރޭންކަށް ފަސް ބޭފުޅަކާ އެކު ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފިއެވެ.
ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ޕްރޮމޯޝަންތައް ނުދިނުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން ވަނީ އެދިވަޑައިގެންފައެވެ. ނަމަވެސް ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާކުރައްވާ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ފުލުހުންގެ އެގްޒެކެޓިވް ލެވެލްގައި މި ވަގުތު ވެސް ތިއްބެވި ބައެއް ބޭފުޅުންނަށް ޕްރޮމޯޝަން ދީފައިވާކަން ވަނީ އަންގަވައިފައެވެ. މީގެ އިތުރުން އެހެން ބައެއް ފުލުހުންނަށް ވެސް މިއަދު ޕްރޮމޯޝަން ދޭން ވަނީ ނިންމައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން 48 ގަޑިއިރަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ފަހު ވަގުތު މުޅިން އަލަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހަ ބޭފުޅަކު ވަނީ ޕްރޮމޯޓް ކޮށްދީފައެވެ. އެހާތަނަށް އެ މަގާމުގައި ފަސް ބޭފުޅުން ތިއްބަވައެވެ. ޗީފް ސުޕްރިޑެންޓުންގެ މަގާމަށް ރޭ އަށް ބޭފުޅަކު ޕްރޮމޯޓް ކޮށްފައިވެއެވެ. އެނގިފައިވާގޮތުގައި އެހެން ރޭންކުތަކުގެ ގިނަ ޕްރޮމޯޝަންތަކެއް މިއަދު ވެސް ދިނުމަށް ވަނީ ނިންމައިފައެވެ.
އިންތިހާބީ ރައީސަށް ފޮނުއްވި މެސެޖުގައި ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ އެ ޕްރޮމޯޝަނަކީ މިދިޔަ އޮގަސްޓް މަހު ދޭން ނިންމި ޕްރޮމޯޝަންތަކެއް ކަމަށެވެ. ނަމަވެސް، ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާތީ އަދި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ވިސްނުމުން ދުރުވާން ބޭނުންވާތީ، އޭރު ޕްރޮމޯޝަން ނުދިނީ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ޕްރޮމޯޝަންތަކާއި މުހިއްމު އެހެން ބައެއް ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމަކަށް މިދިޔަ ހަފުތާގައި އެދިވަޑައިގެންނެވި ކަމަށް ވެސް އެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
“މިފަދަ މުހިންމު ކަމެއް ނުނިމި އޮވެ ރިޓަޔާ ކުރާކަށް ބޭނުމެއް ނޫން. މިއީ، ބުރަކޮށް މަސައްކަތްކޮށް، ޕްރޮމޯޝަން ހައްގު މީހުންނަށް ބޭއިންސާފަކަށް ވާނެ،” ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު
ސީޕީ މުހައްމަދު ހަމީދު ވަނީ އެ ޕްރޮމޯޝަން ދީފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވައިފަ އެވެ. އަދިއެއްވެސް ސަބަބަކާހުރެ، އެފަދަ ޕްރޮމޯޝަންތައް ދިނުން މުރާޖައާކުރަން ޖެހޭ ނަމަ ނުވަތަ އެއްވެސް ކަހަލަ ފުށުއެރުންތަކެއް ހުރިކަމަށް ފެނިއްޖެ ނަމަ، އެކަންކަން ހައްލުކުރެވޭނީ، އެކަށީގެންވާ މަރުހަލާއަކުން ކަމަށް ކޮމިޝަނަރ ވަނީ މެސެޖްގައި ވިދާޅުވި އެވެ.
މި ޕްރޮމޯޝަންތައް މަޑުޖައްސާލުމަށް ފުލުހުންނަށް އޭސީސީން ވެސް އެންގި އެވެ. އެއީ އެއްވެސް ގާނޫނަކާ ހަވާލާނުދީ ފޮނުވި އަމުރަކަށް ވުމުން އެކަން ފުލުހުން ޕީޖީގެ ސަމާލުކަމަށް ގެނައުމުން އެ އަމުރަށް އަމަލުކުރަން ނުޖެހޭނެ ކަމަށް ވަނީ އަންގަވައިފަ އެވެ.