ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އާރްޑީސީގެ ޕޭއަބަލްސް މެނޭޖަރު ހުސައިން އަނީފްގެ އެޕާޓްމަންޓް ފާސްކުރި އިރު ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރަން ގެންގުޅޭ އެއްޗެހި ކަމަށް މިއަދު ކޯޓުގައި އިއުތިރާފްވެ ފަރުވާގެ ފުރުސަތު ބޭނުންވާ ކަމަށް ބުނެ، ކޯޓުން ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށްލައިފިއެވެ.
ފުލުހުން ބުނި ގޮތުގައި އުމުރުން 32 އަހަރުގެ އަނީފް އުޅޭ ތަން ފާސްކުރި އިރު މަސްތުވާއެއްޗެއް އެއްކޮށް ހަދާފައި އޮތް ކަމަށް ބެލެވޭ ތިން ބިޑި އާއި މަސްތުވާތަކެތި އަޅާފައިހުރި ކަމަށް ބެލެވޭ ސެލޯފިން ކޮޅެއް ވެސް ވަނީ ފެނިފައެވެ. މީގެ އިތުރުން ބަނގުރާ ހުސްކޮށްފައި ހުރި ފުޅިތަކެއްވެސް ވަނީ އެއެޕާޓްމެންޓް ތެރެއިން ފެނިފައެވެ.
އަނީފްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ކުށަށް އިއުތިރާފްވެ، ފެނުނީ އޭނާ ބޭނުންކުރަން ގެންގުޅޭ މަސްތުވާތަކެތި ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް ކޯޓުން އޭނާ ދޫކޮށްލާފައިވަނީ، އޭނާ މީގެ ކުރިން އެއްވެސް މައްސަލައެއްގައި ބަންދުކޮށްފައި ނެތުމާއި ކުށުގެ ވެށީގައި އުޅޭ މީހަކަށް ނުވާތީ އާއި ކޮށްފައިވާ ތުހުމަތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ފަދަ ބޮޑު ކުށަކަށް ނުވާތީ އާއި އަނީފްގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ ވެދާނެ ފަދަ ސަބަބެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް ވެސް ގާޒީ އާމިނަތު އަޒްލިފާ ނެރުއްވި އަމުރުގައިވެ އެވެ.
މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާގެ ފުރުސަތު ލިބެން އޮތް ނަމަ އެ ފުރުސަތު ބޭނުންވާ ކަމަށާއި ކުރެވުނު ކުށަށް މާފަށް އެދޭ ކަމަށް ކޯޓުގައި އާނިފް ވަނީ ބުނެފައެވެ. އާނިފް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ގާޒީ ނިންމެވީ އާނިފް އުޅޭ ތަނުން ފެނުނު މަސްތުވާތަކެތީގެ އަދަދު ޑްރަގް ޓްރެފިކިންގެ މިންގަނޑަށް ނުފެތޭ ކަމަށް ފުލުހުން ބުނެފައިވާތީއެވެ.
އާނިފް އުޅޭ ތަން ފާސްކުރީ އިއްޔެ ހެނދުނުން ފެށިގެން ފުލުހުން އާރްޑީސީގެ އޮފީހަށް ވަދެ ފާސްކޮށްފައި ވަނިކޮށެވެ. ފުލުހުން ބަލަމުން ދަނީ އާރްޑީސީގެ 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެކެވެ.