ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވައިލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ އަންނަ ހުކުރު ދުވަހު ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން މިިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވަނީ އާންމުކުރައްވާ، “ހަފުތާ 14” ގެ ނަން އެ ޕްލޭނަށް މުއިއްޒު ވަނީ ދެއްވާފައެވެ.ރާއްޖޭގެ މިނިވަންކަން އެންމެ ފުރިހަމަ އަށް އިޔާދަކޮށްދިނުން ވެފައިވަނީ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނުގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދީފައިވާކަން ފާހަގަ ކުރެވެއެވެ.އެކަމުގެ ދަށުން ފުރަތަމަ ކަމަކަށް އޮތީ ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ބޭރުކުރުމެވެ. ދޭދޭ ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހުރި ރާއްޖޭގެ ސިޔާދަތަށް ބުރޫއަރާ ފަދަ ކަންކަން އާންމު ކުރާނެ ކަމަށް މަގުޗާޓުގައިވެއެވެ
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވައިލާނީ ޑިޕްލޮމެޓީކް އުސޫލުގެ ތެރެއިން ސުލްހަވެރިކަމާ އެކު ކަމަށް އިންތިހާބީ ރައީސް މުއިއްޒު ދަނީ ވިދާޅުވަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެއްބަސްވުންތަކުގެ ތަފުސީލަކީ އެންމެ އިސްކަމެއް ދީގެން ހާމަކުރާނެ މައުލޫމާތުތައް ކަމުގައި ޑރ. މުއިއްޒުގެ ކެމްޕޭނުން ދިޔައީ ބުނަމުންނެވެ.