-Advertisement-

-Advertisement-

ފުރަތަމަ 100 ދުވަސް: އައިވީއެފަށް އާސަންދަ ހަމަޖައްސައިދެނީ!

އައިވީއެފްގެ ހިދުމަތަށް އާސަންދަ ހަމަޖެއްސުމަށް ޑރ. މުޙައްމަދު މުއިއްޒު ވަނީ ވައުދުވެފަ

މާދަމާ ރާއްޖޭގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަރިމައިވުމުގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައި ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.

ގުދުރަތީ ގޮތުން ދަރިން ނުލިބޭނަމަ އެކަމަށް ދެން އޮތް ހައްލަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. އައިވީއެފް ހެދުމުގެ ފުރުސަތު ރާއްޖޭގައި ހެދުމުގެ ވަސީލަތެއް ނެތުމުގެ ސަބަބުން ރާއްޖެއިން ފަރުވާ ހޯދުމަށް ގިނައިން ގޮސް އުޅެނީ އިންޑިއާއަށެވެ.

އައިވީއެފް އަދި އައިޔޫއައި ހިދުމަތާއި އެކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފާޓަލިޓީ ސެންޓަރެއް މިދިޔަ މެއި މަހު ހުޅުވިއިރު، އެހިދުމަތަށް އެތަކެއް ހާސް ރުފިޔާ އަތުން ހަރަދުކުރަން ޖެހެއެވެ. އަމިއްލަ އަތުން ކިތައްމެ ބޮޑު ހަރަދެއް ހިނގިއަސް އެއިން އެއްވެސް ފަރުވާއަކަށް އާސަންދައެއް ނުލިބެއެވެ.

ރޭ އިއުލާންކުރި މުއިއްޒުގެ 100 ދުވަހުގެ ޕްލޭންގައި ވަނީ ސިއްހީ ދުޅަހެޔޮކަމަށް އަމާޒުކޮށް 26 ކަމެއް ހިމަނައިފައިވާ އޭގެ ތެރޭގައި، ޕީސީއޯއެސް އަދި އެންޑޮމެޓްރިއޯސޮސް ފަދަ އަންހެނުންނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ބޭނުންވާ ފަރުވާ އާސަންދައިގެ ދަށުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި އައިވީއެފް ހިމެނޭގޮތަށް ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދިމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ.

އެންސްޕާއިން ދެކޮޅު ޓިކެޓާއެކު 500 ޑޮލަރު ދަރިމައިވުމުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ދިން ކަމުގައި ވިޔަސް އެ ފަރުވާ ހޯދަން ރާއްޖެއިން ބޭރުގައި ގިނަ ދުވަސް ވަންދެން މަޑުކުރަން ޖެހުމުގެ ސަބަބުން އަތުން ބޮޑު ހަރަދެއް ހިނގައެވެ. ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދާނަމަ އެއާ އެއްވަރުގެ އެހީއެއް އެންސްޕާއިން އަންނަނީ ދެމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-