ދައުލަތުގެ ހަރަދު ކޮންޓްރޯލު ކުރުމަށާއި ވެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ދިގު މުއްދަތަކަށް ބެލޭނެ މާސްޓާރ ޕްލޭނެ ވަރަށް މުހިއްމުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު އާ މެނިފެސްޓޯތަކެއް ގެނެވި ގިނަ ކަންތައްތަކެއް ބަދަލުވެގެން ދިއުމަކީ ދިވެހި ދައުލަތަށް މާލީ ގޮތުން ރައްކާތެރި ގޮތް ނޫން ކަމަށް “އެތެރެފުށް” ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފައިސަލް ވަނީ ވިދާޅުވެފައެވެ.
ޒިންމާދާރު ބަޔަކު ނަމަ ދެ އަހަރު އެއް ޓާގެޓަކަށް މަސައްކަތްކޮށްފައި، ކުރިއަށް ދައުރު ނިމެން 3 އަހަރަށްވީމަ ޓާގެޓް މުޅިން ބަދަލުކޮށް އެހެން ނަހަދާނެކަމަށާއި މިހާރު ދުނިޔޭގެ ގައުމުތަކުން 20 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތަކަށް ވާސިލްވާން ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑައަޅާނެކަމަށާއި އެގޮތަށް ދުރާލާ ރޭވިފައި އޮންނަ މާސްޓާ ޕްލޭނަކަށް އަމަލުކުރާ ބޭރު ގައުމުތައް މިސާލެއް ގޮތަށް ބަލާ އެގޮތަށް އަމަލް ކުރުމަށް ފައިސަލް ނަސީމް ވަނީ އަންނަން އޮތް ސަރުކާރަށް ނަސޭހަތްތެރިވެފައެވެ.
ފައިސަލް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ވެސް ބަދަލު ނުގެނެސް ވަކި ގޮތަަކަށް ބެހެއްޓުން މުހިންމު ކަންތައްތަކެއް ހުންނާނެ ކަމަށާއި އޭގެ ތެރޭގައި ތައުލީމީ ނިޒާމު، އެކި ގޮތްގޮތަކަށް ބަދަލެއް ނުކޮއް އަމަލުކުރަމުން އަންނަ ގޮތަށް ކުރިއަށް ގެންދިއުމަށް ފައިސަލް ވިދާޅުވިއެވެ.
“މިސާލަކަށް ތައުލީމީ ނިޒާމު، އެކި ގޮތްގޮތަކަށް ބަދަލެއް ނުކުރާނެ. މިސާލަކަށް އެއްދުވަހު އެއް ދަންފަޅީގަ ނޫނީ ވަށައިޖެހޭ. އަނެއް ދުވަހު އެހެން ގޮތަކަށް ކުރިއަކަށް ނުގެންދެވޭނެ,” ފައިސަލް ނަސީމް
ކޮންމެ ވެރިކަމަކުން މެނިފެސްޓޯތަކުގައި ތަފާތު ކަންކަން ކުރުމަށްވުރެ، ދެމެހެއްޓެނިވި ހަރުދަނާ މާސްޓާ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުން މުހިންމު ކަމަށާއި ވުޒާރާތަކަށް މީހުން އައްޔަން ކުރާއިރު އައްޔަން ކުރާ މީހާއަކީ އެ މަގާމެއް އަދާކުރުމުގެ ގާބިލުކަމެއް ލިބިފައިވާ މީހަކު ކަމުގައިވުން އެއީ ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭނެ މުހިއްމު ކަމެއްކަމަށް ފައިސަލް ވިދާޅުވިއެވެ.
“ސަރުކާރުގެ ސްކޯލާޝިޕްތައް މެދުވެރިކޮށް ނޫނީ އަމިއްލައަށް ވިޔަސް ކިޔަވައިގެން ތިބި ތަޖުރިބާކާރު މީހުންނަށް މަގާމުތައް ދޭން ޖެހޭ. ދުނިޔޭގެ ގައުމުތައް ކުރިއަރާފައި އޮތީ ހިއުމަން ރިސޯސަސް ވަރުގަދަކޮށްގެން” ފައިސަލް ނަސީމް