21 ރަށެއްގެއި އިންޖީނުގެ އެޅުމުގެ ކުރިން އީއައިއޭ މަރުހަލާ ފުރިހަމަކޮއްފައި ނުވާތީ ހަތަރު މިލިއަން ރުފިޔާއިން ފެނަކަ ޖޫރިމަނާ ކޮށްފިއެވެ.
ފެނަކައިން އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކައިނުލައި 21 ރަށެއްގައި އިންޖީނުގެ އެޅި މައްސަލައެއް ބަލާފައިވާ ކަމަށެވެ. އަދި، ބެލުމަށް ފަހު 4،200،000 ރުފިޔާއިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވެއެވެ.
ދެ ފަރާތުން ބަދަލުކޮށްފައިވާ ލިޔެކިޔުންތަކުގެ އަލީގައި، އިންޖީނުގެ އެޅުމުގެ މި މަޝްރޫއުތަކަކީ އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ފަށައިފައިވާ މަސައްކަތްތަކެއްކަން އެ އެޖެންސީއިން މި މައްސަލައިގައި ކުރި ތަހުގީގުން ލިބުނު މައުލޫމާތުތަކުން ޔަގީން ކުރެވިފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ވެއެވެ.
އީޕީއޭއިން ބުނީ، މީގެ ކުރިން ވެސް އެ އެޖެންސީގެ ގަވާއިދުތަކާ ޚިލާފުވުމުގެ ސަބަބުން ފެނަކައަށް ފިޔަވަޅު އަޅާފައިވާ ކަމަށާއި ގަވާއިދާ ޚިލާފަށް ފެނަކައިން، އިންޖީނުގެ ހެދުމުގެ އަމަލީ މަސައްކަތްތަށް ފަށާއިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ:
- ހދ. ފިނޭ
- ހއ. އުލިގަމު
- ހއ. އުތީމު
- ގދ. މާވަރުލު
- ށ. ފޭދޫ
- ށ. މާއުގޫދޫ
- ހއ. ދިއްދޫ
- ރ. ރަސްގަތީމު
- ރ. ކިނޮޅަސް
- ނ. ކެނދިކުޅުދޫ
- ހއ. މުރައިދޫ
- ށ. ކޮމަންޑޫ
- ނ. ފޮއްދޫ
- ޅ. ކުރެންދޫ
- ހދ. ކުޅުދުއްފުށި
- ހދ. ކުމުންދޫ
- ދ. މީދޫ
- ލ. މައިބައިދޫ
- ހއ. މޮޅައިދޫ
- ގދ. ރަތަފަންދޫ
- ގއ. ވިލިގިނލި
ގަވާއިދާ ޚިލާފަށް އިންޖީނުގެ ހެދުމުގެ އަމަލީ މަސައްކަތް މި 21 ރަށުގައި ފަށައިފައިވާތީ ކޮށްފައިވާ ޖޫރިމަނާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ފެނަކައަށް ވަނީ އަންގައިފައެވެ. އަދި ފެނަކައިގެ ފަރާތުން ކުރިއަށް ގެންދާ ހުރިހާ މަޝްރޫއެއް ވެސް ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދަން އީޕީއޭއިން ވަނީ ގޮވައިލައިފައެވެ.