އަލް-ޝިފާ ހޮސްޕިޓަލްގައި ދުވަސް ނުފުރި ވިހާ އިންކުބޭތަރ ގައި ތިބި 31 ކުދިން އެ ހޮސްޕިޓަލުން ރައްކާތެރި ހިސާބަކަށް ފޮނުވާލައިފިއެވެ.
ގާޒާގެ ހޮސްޕިޓަލްތަކުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒަޤޫތު ނޫސްވެރިންނަށް އިންޓަވިއު ދެއްވާ ބުނެފައިވަނީ “އަލް ޝިފާ ހޮސްޕިޓަލުގައި ތިބި “ޕްރީމެޗުރ” 31 ކުދިންނާއި, ޑޮކްޓަރުން އަދި 2 ނަރުހުން އަލް-ޝިފާ ހޮސްޕިޓަލްއިން ވަނީ ރައްކާތެރި ކަމާއިއެކު ނެރެފައި. މިހާރު ދަނީ މިސްރަށް ވަނުމަށް ތައްޔާރުވަމުން”
އަލްޖަޒީރާގެ ނޫސްވެރިޔާ ތާރިގު އަބޫ އައްޒޫމް ބުނެފައިވަނީ މިކުދިން މިހާރު ދަނީ ގާޒާގެ ދެކުނު ނާސިރު ހޮސްޕިޓަލަށް ރެޓް ކްރޮސެންޓްގެ އެމްބިއުލާންސެއްގައި ދަތުރުކުރަމުން ކަމަށެވެ.
އިޒްރޭލުގެ ސިހުޔޫނީ ސިފައިން ވަނީ އަލް-ޝިފާ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނާއި ނަރުހުން އަދި ބަލި މީހުން އެތަން ހުސްކޮށް ދިއުމަށް އަމުރު ކޮއްފައިއެވެ. އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބައެއް ޑޮކްޓަރުން އެ ހޮސްޕިޓަލް ދޫކޮއްފައިވަނީ ބޮލުގައި ބަޑި ޖެއްސުމުން ކަމަށް ބުނެފައިވެއެވެ.
ހޮނިހިރު ދުވަހު ހޮސްޕިޓަލަށް ޒިޔާރަތްކުރި ޑަބްލިޔުއެޗްއޯގެ ޓީމަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަދިވެސް އެތައް ސަތޭކަ ބަލިމީހުން އެތަނުގައި ތިބި ކަމަށާއި އޭގެ ތެރޭގައި ގިނައީ ހާލު ސީރިއަސް ބަލިމީހުން ކަމަށެވެ. ޒަހަމްވެ ފަރުވާ ނުލިބި އިންފެކްޓްވެފައިވާ މީހުންވެސް ވަރަށް ގިނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިޒްރޭލުން އަލް-ޝަފާ ހޮސްޕިޓަލަށް ވަދެގެން ހިންގި ހަމަނުޖެހުމު ތަކުގައި 4 ތުއްތު ކުދިން ޝަހީދުކޮއްލާފައިވާކަމަށް ޑަބްލިޔުއެޗްއޯ ބުނެއެވެ.