ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބް ރައީސް ރިޔާސްތާ ހަވާލުވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ހާލަތުގައި ރިޔާސަތާ ހަވާލުވެލައްވާނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އާ ލިސްޓެއް މިއަދު މަޖިލީހުގެ އިދާރާއިން ނެރެފިއެވެ.
އަލަށް އެކުލަވާލި ލިސްޓާއި ތަރުތީބު މިއަދުގެ ޖަލްސާގައި އިއުލާނުކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންގެ ލިސްޓު އެކުލަވައިލެއްވީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ ދަށުންނެވެ.
“މި އިއްޒަތްތެރި މެންބަރުންގެ ތަރުތީބު ކަނޑައަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) އާއި (ނ) ގައިވާ ގޮތުގެ މަތިން އެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަށް އިސްކަންދީގެން އަދި އެ މެންބަރަކު މުއްދަތު ހަމަހަމަވެފައިވާ ހިނދު ތަރުތީބުކޮށްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެ އިއްޒަތްތެރި މެންބަރުންގެ އުމުރުގެ ދޮށި ކަމަށް އިސްކަންދެވިގެން” އަސްލަމު ވިދާޅުވި އެވެ.
ފަސް މެންބަރުންނަކީ:
- މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު – ފެބްރުއަރީ 27, 2007 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއްނެތި 18 އަހަރާއި އަށް މަސްދުވަސް
- މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް – މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
- އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް – މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ – މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު – މެއި 28, 2009 އިން ފެށިގެން މިއަދާ ހަމައަށް މެދުކެނޑުމެއްނެތި 14 އަހަރާއި ފަސް މަސްދުވަސް
ފަހަގަ ކޮއްލެވޭ ކަމަކީ އެ ލިސްޓުގައި މީގެ ކުރިން އޮތް ވިލުފުށީ ދާއިރާގެ މެންބަރުން ހަސަން އަފީފުގެ ނަން އުނިކޮށްފިވާކަމެވެ. ޑިމޮކްރެސްގެ މެންބަރ އަފީފު މަޖިލީހުގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް, ރައްޔިތުގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީއިން ހުށައެޅުމުން އެކަމަށް ހުރަސް އަޅާފައިވާ ކަމަށް އެމްޑީޕީއިން ތުހުމަތުކޮއްފައިވެއެވެ. އަދި މަޖިލީހުގެ އިދާރާއިންވެސް އަފީފް ރިޔާސަތުގައި އިންނަވާ އެ ގަރާރު ބަލައިނުގައްނަން ނިންމި ގޮތް ގޯސް ކަމުގައި ބުނެފައިވެއެވެ.