މިދިޔަ ހަފްތާގައި 50 މެންބަރުންގެ ސޮޔާއި އެކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މަޖިލީހުގެ ނައިބް ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލައިގެ ނޯޓިސް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް, ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާއަށް ފޮނުވައިފިއެވެ. މަޖިލީހުގެ އިދާރާއިން ބުނިގޮތުގައި 14 ދުވަހުގެ ނޯޓިސް އީވާއަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އީވާ މަގާމުން ވަކި ކުރުމަށް ހުށައަޅާފައިވަނީ ކުރީގެ މަޖިލީސް ރައީސް, ރައީސް މުހައްމަދު ނަޝީދު އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުގެ މަޖިލީހަށް ހުށައެޅުމުން އެ މައްސަލަ ކުރިޔަށް ގެންދިއުމަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައިއެވެ.
ރައީސް މުހައްމަދު ނަޝީދު ވަނީ މިދަޔަ ހޯމަ ދުވަހު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވާފައިއެވެ. އަދި އެރޭ އެޖެންޑަ ކުރެވުނު ޖަލްސާގައި ރައްޔިތުގެ މަޖިލީހުގެ 53 މެންބަރުންގެ ވޯޓުން އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވެފައިއެވެ. އަސްލަމް އާއި ވާދަ ކުރެއްވި ދި ޑިމޮކްރެޓްސްގެ އަލީ އާޒިމް އަށް ލިބިފައިވަނީ 23 ވޯޓެވެ.