އާ ސަރުކާރު މިދިޔަ ހުކުރު ދުވަހު ހުވާ ކުރުމާ އެކުގައި ސަރުކާރުންވަނީ އޮފީސްތަކުގައި 24 ގަޑި އިރު ދިވެހި ދިދަ ނަގާފައި ބަހައްޓަވަން ނިންމަވާފައިއެވެ. އަދި މިހާރު ސަރުކާރުގެ ވަޒީރުންގެ ގޭގަޔާއި، ރަސްމީ ކާރުގައި ދިވެހި ދިދަ ހަރުކޮއްފައި ބަހައްޓަންޖެހޭ ގޮތުށް ސަރުކާރުން ނިންމައިފިއެވެ.
އިއްޔެ ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑާ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ދިވެހި ގައުމަށް ކުރާ ގަދަރު އަލުން އިއާދަކުރެއްވުމަކީ ރައީސްގެ ތަގުރީރުގައި ވެސް އެންމެ ބޮޑަށް އަލިއަޅުއްވާލެއްވި އެއް ނުކުތާ ކަމަށެވެ.
“އެމަނިކުފާނުގެ ވިސްނުންފުޅަކީ ދިވެހި ދިދައަކީ އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާނޭ،“ އޭނާ ވިދާޅުވި އެވެ.
މީގެ އަހަރުތަކެއް ކުރިން، ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ އިމާރާތުގެ ބޭރުގައި ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ގައި ގައުމީ ދިދަ ނަގައި ހަމަ އެ ދުވަހުގެ ހަވީރު 6 ޖަހާއިރު ދިދަ ތިރިކުރެ އެވެ. އެކަމަކު، ސަރުކާރުގެ އޮފީސްތަކުގައި 24 ގަޑިއިރު ދިދަ ނަގާފައި ބަހައްޓަން ނިންމާފައި މިވަނީ ދިދަ ނެގުމުގެ ސަގާފަތް އުވި ސަރުކާރުގެ އޮފީސްތަކުގައި ގައުމީ ދިދަ ނެގުން އެއްކޮށް ހުއްޓާލާފައިވާތާ ދުވަސްތަކެއް ފަހުންނެވެ.