-Advertisement-

-Advertisement-

ކުލަބުތަކަށް ލިބެންޖެހޭ ފައިސާ ނުލިބުން، މަހުލޫފުގެ ބޮޑު އިހުމާލެއްތަ؟

އަސްލު ފޮޓޯ; އަދަދު އޮންލައިން

ކުޅިވަރު ވަޒީރުގެ ގޮތުގައި ފަސް އަހަރު ހުރުމަށްފަހު މަގާމުން ވަކިކުރުމުގެ ކުރިން މިނިސްޓަރު މަހުލޫފު ޕޯސްޓްކޮށްލީ ދިގު ސްޓޭޓަސް އެކެވެ. 700 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގި ވާހަކަ އާއި 55 ފުޓްބޯޅަ ދަނޑު އަޅައި 100 އަށްވުރެ ގިނަ ދަނޑުގެ މަސައްކަތްކުރިއަށްދާ ވާހަކަ އެވެ. މިއިން ޒަމާނަކު ޔޫތު މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ނުކުރާހާ ގިނަ މަސައްކަތް ކޮށްދިނުމަށްފަހުގައި ކަމަށް ބުނެ އެވެ. ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސްފައިކަމަށް ބުނެ އެވެ. 

މި ސްޓޭޓަސް ޖެހިތާ 24 ގަޑިއިރު ނުވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބުން މިނިސްޓްރީއާ ދިމާއަށް އިނގިލި ދިއްކޮށްލީ ބޮޑެތި ތުހުމަތުތަކާއެކުގަ އެވެ. ރާއްޖޭގެ އެންމެ މަގުބޫލު އަދި އެންމެ ބޮޑު ކުޅިވަރުގެ އެންމެ މުހިންމު ބައިކަމަށްވާ ޓީމްތަކަށް ކުރިއަށްދިޔުމަށް މިނިސްޓްރީގެ އިހުމާލުން ދިމާވެފައިވާ ހުރަސްތައް ދައްކަމުންނެވެ. ވަކި ބަޔަކަށް ފައިދާވާ ގޮތަށް މިނިސްޓްރީން އެއްބާރުލުންދީފައިވާކަމަށް ތުހުމަތުކޮށްފަ އެވެ. 

ދައްކަން މިއުޅެނީ ރާއްޖޭގެ ފުޓްބޯޅަ ކުލަބުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުގައި މިނިސްޓްރީގެ ދައުރުގެ ވާހަަކައެވެ. ނޭނގި ނަމަވެސް މިނިސްޓަރު މަހުލޫފު ދައުރު އެ ނިންމާލީ ނުރަނގަޅު މިސާލެއް ދައްކާފަ އެވެ. 

އެންމެ ފުރަތަމަ ފަށާނީ މިނިސްޓަރުކަމަށް އައިސް މަހުލޫފު ދެއްކި ފޮނި ވާހަކަތަކާ ހިސާބުންނެވެ. ރާއްޖޭގެ ކުލަބުތަކާ ޖަމިއްޔާތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާ މަސައްކަތްކޮށްދޭނެކަމަށް ބުނި ހިސާބުންނެވެ. އޭރުވެސް އެންމެން ބުނަމުން ދިޔައީ މިއީ ހަމަހަމަ އުސޫލަކުން ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އޭގެ ފަހުން ފަސް އަހަރު ނިންމާލީ އޭރު އެންމެން ބުނަމުންދިޔަ ވާހަކަތައް ހަގީގަތަކަށްވެފަ އެވެ. 

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ކުލަބުން ޔޫތު މިނިސްޓްރީން ތަފާތުކުރުން ގެންގުޅެފައިވާކަމުގެ ހެކި ދައްކައިފި އެވެ. މަހުލޫފު ގަބޫލުކުރިޔަސް ނުކުރިޔަސް މިއީ ހަގީގަތެވެ.

މިއަހަރުގެ ސެޕްޓެމްބަރުގައި އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ފުރަތަމަ ޑިވިޝަންގެ ކޮންމެ ކުލަބަކަށް އެއް މިލިއަން ރުފިޔާ ދެއްވާނެކަމަށެވެ. މިކަންވެގެންދިޔައީ ކޮވިޑުގެ ސަބަބުން އިނދަ ޖެހިފައިތިބި ކުލަބުތަކަށް ލިބުނު ބޮޑު އުއްމީދަކަށެވެ. ނަމަވެސް މި އުއްމީދުތައް ފުނޑުފުނޑުކޮށްލީ މިނިސްޓްރީ އިންނެވެ.

ކުލަބުތަކަށް ދޭން ބުނި ފައިސާ ފުރިހަމައަށް ދިނީ ބައެއް ކުލަބުތަކަށެވެ. އަނެއް ކުލަބުތަކަށް ދިނީ އޭގެ ހަތަރުބައި ކުޅަ އެއް ބައެވެ. މިކަމުގެ ސަބަބުން މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ފަހު ބައި ކުޅެން ބައެއް ކުލަބުތަކުންވަނީ އުޒުރުވެރިވެފަ އެވެ. 

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކުލަބު އީގަލްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ބުރު ސްޕޯޓްސް ކުލަބަށް މިނިސްޓްރީ އިން އެ ބުނާ އެއް މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. ބާކީ އޮތް ހަތަރު ކުލަބު ކަމަށްވާ ކުލަބު ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ، ކުލަބު ގްރީން ސްޓްރީޓްސް އަދި ޓީސީ ސްޕޯޓްސް ކުލަބަށް ދިނީ 250،000 ރުފިޔާ އެވެ.

ވެލެންސިއާގެ އިތުރުން، އިއްޔެ މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން ގްރީން ސްޓްރީޓުން ވެސް ވަނީ ލީގުގެ ބާކީ ހުރި މެޗުތަށް ނުކުޅޭނެކަމަށް ވަނީ އަންގާފަ އެވެ. އެފްއޭއެމް މީޑިއާ ގްރޫޕުގައި ސެކެޓްރީ ޖެނެރަލް ޖަވާ މިކަން ޔަގީން ކޮށްދީފަ އެވެ.

ލީގުގައި ބާކީ ބައި ނުކުޅެން ނިންމައި ވެލެންސިއާ އިން ނެރުނު ބަޔާނުގައި ވަނީ އެކި ފަހަރު އެދިގެންވެސް މިނިސްޓްރީ އިން ބާކީ ފައިސާ ދެވެން ނެތްކަމަށް ބުނެފައިވާކަަމަށެވެ. ފައިސާ ނެތްކަމަށް ބުނި މިނިސްޓްރީ އިން ދައުރު ނިންމާލީވެސް އެތައް ލައްކަ ރުފިޔާ ހަރަދުކޮށްގެން އާ އެވޯޑެއް ތާއާރަފްކޮށް ބޮޑު ހަފުލާއެއްވެސް ބާއްވާފަ އެވެ. ކުޅިވަރުގެ ގައުމީ ރެކޯޑު މުގުރާ އެތުލީޓުންނަށް ހާއްސަ އެވޯޑެއް ދޭން ނިންމައި އެކަމަށް ހާއްސަ ހަފްލާއެއް ބާއްވައިގެންނެވެ. ފައިސާ ނެތްކަމަށް ބުނި މިނިސްޓްރީ އަށް މިކަން ކުރެވުނީ ކިހިނެތް ހެއްޔެވެ؟ ހަމަގައިމުގެ ޖަލްސާގެ ހުރިހާ ކަމަކާއި، ފަރުމާކޮށްފައިބާ ބޮޑު ޝީލްޑްތަކަކީ ހިލޭ ސާބަހަށް ލިބޭނެ އެއްޗެއް ނޫނެވެ. 

ވެލެންސިއާއަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 2022ގެ ގައުމީ މުބާރާތް ކާމިޔާބުކުރުމުން ދޭން ޖެހޭ އިނާމް ފައިސާވެސް މިނިސްޓްރީ އިން ދީފައި ނުވާކަމަށް އެކުލަބުން ބުނެ އެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުންގެ ކޮމެންޓްތަކަށް ރިޕްލައިކުރަމުން މަހުލޫފު ވިދާޅުވީ ވެލެންސިއާއަށް މިއަހަރު 647،500 ރުފިޔާ ދީފައިވާނެކަމަށެވެ. 

ނޭނގި ނަމަވެސް އެކުލަބަށް ދޭނެކަމަށް ބުނި އެއް މިލިއަން ރުފިޔާ އެއްކޮށް ނުދޭކަމަށް މަހުލޫފަށް މިއޮތީ އެއްބަސްވެވިފަ އެވެ. އޭއެފްސީ ކަޕްގައި ވާދަކުރާ ޓީމް ތައްޔާރުވުމަށް އެކުލަބަށްވެސް ލައްކައިން މިނިސްޓްރީން އެހީވި އެވެ. ސީޒަނަށް ތައްޔާރުވުމަށްވެސް އެކި ކުލަބުތަކަށް މިނިސްޓްރީން އެހީވި އެވެ. އެކަމަށް މިނިސްޓަރު މީގެ ކުރިންވެސް އޮތީ އެއްބަސްވެފަ އެވެ. 

އެހެންކަމުން މިނިސްޓަރުގެ ދައުރުު ފުރިހަމަކުރަމުން މިނިސްޓަރު އަމިއްލައަށް އެ ދެއްކީ އެ ވުޒާރާގެ “ބޮޑު” މަންޒަރެވެ. ހަމަހަމަކޮށް ކަންކަންކޮށްދޭނެކަމަށް ބުނެ ބޮޑު ވައުދަކާއެކު ހަވާލުވި މިނިސްޓަރު ތަފާތުކުރުން ގެންގުޅުނު ކަމަށް އެއްބަސްވެވޭނެ ދަލީލެކެވެ. ދިރުން ކެނޑި، އުއްމީދުތައް ފަނޑުވަމުން އަންނަ ދިވެހިންގެ ލެޔާ ގުޅިފައިވާ ފުޓްބޯޅައަށް އޭނާވި ބޮޑު އިހުމާލެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-