ބުދަ ދުވަހުގެ ފަތިހު އިސްރާއީލު ސަރުކާރުން ވަނީ ހަމާސްއިން ޣައްޒާގައި ހިފަހައްޓާފައިވާ 50 ރަހީނުން ދޫކޮށްލުމުގެ ބަދަލުގައި، ފަލަސްތީނުގެ ގައިދީން ދޫކޮށްލާނެ ކަމަށް ބުނެ އެއްބަސްވެމެއް ފާސްކޮށްފަ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނެރުއްވި ބަޔާނުގައި ވިދާޅުވީ “މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން (ހަމާސްއިން) ރަހީނުކުރި މީހުންގެ ތެރެއިން 50 އަންހެނުންނާއި ކުޑަކުދިން 4 ދުވަހުގެ ތެރޭގައި ދޫކޮށްލާ މަތިން ހަނގުރާމަ މެދު ކަނޑާލުމަށް ސަރުކާރުން ވަނީ އެއްބަސްވެފައިވެއެވެ.”
ނަން ހާމަނުކުރާ އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ އެކްސިއޯސް އިން ބުނީ، ބަދަލުކުރުމުގެ އެއްބަސްވުން ކުރިއަށްދާނީ ހަތަރު ދުވަހުގެ ހަނގުރާމަ ހުއްޓާލުމާއި އެކު ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުން ހަމާސްއިން ފުރަތަމަ މަރުހަލާގައި ގާތްގަނޑަކަށް 50 ވަރަކަށް އިސްރާއީލުގެ އަންހެނުންނާއި ކުޑަކުދިން ދޫކޮށްލާނެ ކަމަށާއި އޭގެ ބަދަލުގައި އިސްރާއީލުން ގާތްގަނޑަކަށް 150 ފަލަސްތީނުގެ ގައިދީން ދޫކޮށްލާނެ ކަމަށެވެ.
އަދި މިސްރުން ދުވާލަކު ގާތްގަނޑަކަށް 300 އެއްހާ އެހީ ޓްރަކް ޣައްޒާއަށް ވަނުމުގެ ހުއްދަ އިސްރާއީލުން ދިނުމާއި، ހަނގުރާމަ ހުއްޓާލާ ދުވަސްވަރު ޣައްޒާއަށް އިތުރަށް ތެޔޮ ވެއްދެމުށް ފުރުސަތު ދިނުން ވެސް ހިމެނެއެވެ. އޮފިޝަލް ވިދާޅުވީ މި އެއްބަސްވުމުގެ ދެވަނަ މަރުހަލާގައި ހަމާސްއިން އިސްރާއީލުގެ ބަންދުގައި ތިބި ދިހަވަރަކަށް މީހުން ދޫކޮށްލުމުގެ ބަދަލުގައި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އެތައް ދުވަހަކަށް އިތުރުކޮށްފާނެ ކަމަށެވެ.