-Advertisement-

-Advertisement-

ރައީސް ޔާމީން ޕީޕީއެމް ދޫކޮށް، އާ ޕާޓީއެއް އުފައްދަވަނީ

ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުރި އެޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަނެއްކާވެސް އައު ޕާޓީއެއް އުފެއްދެވުމަށް ނިންމަވައިފިއެވެ.

މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ދެ ޕާޓީއަކީ އެއްގޮތުން ނޫނީ އަނެއްގޮތުން ރައީސް ޔާމީނަށް ނިސްބަތް ކުރެވޭ ދެ ޕާޓީއެވެ. ޕީޕީއެމްއަކީ ރައީސް ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އުފެއްދެވި ޕާޓީއެކެވެ. އަދި ޕީއެންސީ އަކީ ރައީސް ޔާމީން އާއި ރައީސް މައުމޫން އާއި ދެބޭފުޅުން ޕީޕީއެމްގެ ކޮންޓްރޯލް ހޯއްދެވުމަށް ވީ އަރައިރުމުގެ ތެރޭގައި ރައީސް ޔާމީން އުފެއްދެވި “ބެކަޕް” ޕާޓީއެކެވެ. 

ރައީސް ޔާމީން އައު ޕާޓީއެއް އުފައްދަން ނިންމެވި މައިގަނޑު އެއް ސަބަބަކީ ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ޔާމީންއާއި ފެޔަށް ޖެހި، ޕީޕީއެމްގެ ހިންގުމުގައި ރައީސް ޔާމީން ބަސްކިޔުމަށް ނުރުހުން ފާޅުކުރުމެވެ. މިގޮތުން އަންގާރަ ދުވަހުގެރޭ “ޔާމީންގެ ސްޓިއަރިންގ ކޮމިޓީ” އިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕީޕީއެމްގެ ހިންގުމާ އެ ކޮމިޓީއިން ހަވާލިވިކަމަށް އިޢުލާން ކުރުމުން، ޕީޕީއެމްގެ އިސް ބައެއް މެންބަރުން ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި މިދެންނެވި ސްޓިއަރިންގ ކޮމިޓީގައި އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދެވި މަލީހު ޖަމާލް ވަނީ ޕީޕީއެމް އިން ވަކިކޮށްފައެވެ. 

ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީގެ ނަމާއި ލޯގޯ އަދި އަސާސީ ޤަވާއިދު ޑްރާފްޓްކޮށް ނިމިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މިފެށޭ ހަފްތާގެ އާދީއްތަ ދުވަހު އައު ޕާޓީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާނެކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. 

މިހާރު ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ ކޯލިޝަން އިން ވެރިކަމަށް އައުމަށް ކުރި ކެމްޕެއިންގެ އެންމެ ބޮޑު އަސާސެއްކަމަށް ދެއްކީ ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމާއި ރައީސް ޔާމީން ޖަލުން މިނިވަން ކުރުމެވެ. ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީއަށް ޕީޕީއެމްއާއި ޕީއެންސީ އަށް ނިސްބަތްވާ ވަރަށް ގިނަ އަދަދެއްގެ މެންބަރުން ގުޅޭނެކަން އެކި ސޯޝަލްމީޑިއާ ތަކުގައި އެމެންބަރުން ދަނީ އިޢުލާން ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-