-Advertisement-

-Advertisement-

ދެބެއިންނަށް އެއް ހާލެއް ޖެހެނީބާ؟

މިދިޔަ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ވެރިކަމާއި ހަވާލުވި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގައި ރެނދު އަޅަން ފަށައިފި އެވެ. ޕާޓީގެ “ރޫޙާނީ ލީޑަރު” ޕާޓީ ދޫކުރައްވައި އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށި ވާހަކައަކީ މިހާރުގެ އެންމެ ހޫނު ޙަބަރަށް ވެއްޖެ އެވެ. ބަގާވާތް ކުރިކަމަށް އެއްފަޅިން ބުނާއިރު، އަނެއް ފަޅިން ބުނަނީ އެކަކަށް ވުރެ މުހިއްމީ މުޅި ޕާޓީއާއި ގައުމު ކަމަށެވެ. 

ޕީޕީއެމްއަކީ މިފަދަ ކޯޅުންތަކަށް ބީރައްޓެހި ޕާޓީއެއް ނޫނެވެ. 2011 ވަނަ އަހަރު ޕީޕީއެމް އުފެދުމަށްފަހު، މިއަދާއި ހަމައަށް އެތައް ކޯޅުމެއް މިޕާޓީ ވަނީ ދެކެފައެވެ. ނަމަވެސް މިއަދު އެންމެ ބޮޑަށް ހަނދާނަށް އަންނަނީ 2016 ވަނައަހަރު ރައީސް ޔާމީން ދިވެހިރާއްޖޭގެ ރައީސްކަމާއި ހަވާލުވުމަށްފަހު، ރައީސް މައުމޫނާއި ރައީސް ޔާމީނާއި ދެމެދު ޖެހުނު މައްސަލަ އެވެ. މި މައްސަލަގަނޑު ތެރޭ ޕާޓީ ދެބައިވެ، ޕާޓީ ހިންގާނެ ފަރާތެއް ކަށަވަރުކުރުމަށް ކޯޓަށްވެސް ދިޔަ އެވެ. އެއިރު ސިވިލް ކޯޓުން ނިންމީ ރައީސް ޔާމީނާއި ޕީޕީއެމް ހިންގުން ހަވާލުކުރުމަށެވެ. އަދި ސިވިލް ކޯޓުގެ މި ނިންމުން، ރައީސް މައުމޫނަށް ތާއީދު ކުރައްވާ ޕާޓީގެ އާންމު މެންބަރަކު އިސްތިއުނާފް ކުރުމުން ހައިކޯޓުންވެސް ނިންމީ، ޕީޕީއެމް ހިންގަން ޔާމީން އަބްދުލްޤައްޔޫމާއި ހަވާލުކުރަން ސިވިލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށެވެ.

ކޯޓު މަރުޙަލާގައި ނާކާމިޔާބުވާތަން ފެނުމުން ރައީސް މައުމޫން އިސްވެ ހުންނަވައި އައު ޕާޓީއެއް އުފެއްދުމުގެ ޚިޔާލު އުފަންވެގެން އައެވެ. އެއީ މޯލްޑިވްސް ރިފޯމް މޫވްމަންޓް ނުވަތަ “އެމްއާރްއެމް” އެވެ. އަދި ކޯޓު މަރުހަލާއިން ނާކާމިޔާބުވެދާނެކަމަށް ވިސްނައި، ރައީސް ޔާމީންވެސް “ބެކަޕް” ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވިއެވެ. އެއީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ނުވަތަ “ޕީއެންސީ” އެވެ.

ރައީސް މައުމޫން އުފެއްދެވި ޕާޓީ “އެމްއާރްއެމް” އަށް ހީކުރެވުނުވަރަކަށް ތަރުހީބު ލިބިގެން ނުދިޔައެވެ. ޕާޓީގެ މެންބަރުންގެ އަދަދު ހުރީ ފުދޭ މިންވަރަކަށް ވުރެވެސް ދަށްކޮށެވެ. ޤާނޫނުން ސިޔާސީ ޕާޓީގައި އެންމެ މަދުވެގެން ތިބެންޖެހޭނެކަމަށް ބަޔާން ކުރާ 3000 މެންބަރުން ހަމަނުވެގެން 2022 ގައި އެމްއާރްއެމް އަށް އިލެކްޝަން ކޮމިޝަނުން ވަނީ ނޯޓިސް ދީފަ އެވެ. އަދި ދެވަނަ ނޯޓިސް އެއް މިއަހަރު ފެބްރުއަރީގައި ދިނުމަށްފަހު އެމުއްދަތު ހަމަވެގެން އިލެކްޝަން ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ވެސް ވަނީ ނިންމާފަ އެވެ.

ފެންނަން އޮތް ޙަޤީޤަތަކީ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަކީ ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގެ އެންމެ ކާމިޔާބު އަދި އެންމެ ވަރުގަދަ އެއް ސިޔާސީ ޝަޙުސިއްޔަތަށްވެ ހުރެމެ، މަޑުމަޑުން ނަން ފަނޑުވެގެން ދިޔުމެވެ. 3 ސިޔާސީ ޕާޓީ އުފެއްދެވިއެވެ. 3 ޕާޓީވެސް ކޮންމެވެސް އެއްގޮތަކުން އަތުން ބީވެގެން ދިޔައީ އެވެ.

ދެން ހުރީ މައުމޫނަށް އެންމެ ތަންފުކެއްވެސް ސިޔާސީ މައިދާނުގައި ދޫނުކުރައްވާ “ކޮއްކޯފުޅު” ރައީސް ޔާމީނެވެ. އަމިއްލަ ޕާޓީއެއް އުފެއްދެވިއެވެ. އަދި “ބޭބޭފުޅު” އަތުން ޕީޕީއެމްގެ ހުންގާނު އަތުލެއްވިއެވެ. އަދި ދިމާވެދާނެ ހާލަތަކަށް ބައްލަވައި، އިތުރު އެހެން ޕާޓީއެއްވެސް އުފެއްދެވިއެވެ. ހުރަގޭގައި އޮންނަވައި ޕާޓީގެ މެންބަރުންގެ ރޫޙަށް ވެވަޑައިގެންނެވި އެވެ. 2023 ރިޔާސީ އިންތިޚާބު ޕީޕީއެމް-ޕީއެންސީއަށް ކާމިޔާބުކުރުމަށް އެންމެ ފަސޭހަވެގެންދިޔައީ ރައީސް ޔާމީން އަށް އޮތް ލޯތްބާއި ތާއީދެވެ. ރައީސް ޔާމީން ޖަލުން މިނިވަންވާން އޮތީ ޕީޕީއެމް/ޕީއެންސީއަށް ވެރިކަން ލިބުން ކަމަށް ޢާއްމު މެންބަރުންނަށް ޤަބޫލުކުރެވުމެވެ.

މިއަދު މިފެނިގެންދަނީ މާޒީ ތަކުރާރު ވަނީބާއޭ ބުނެވޭ ކަހަލަ މަންޒަރުތަކެކެވެ. ޕީޕީއެމް ހޯއްދެވުމުގެ މަސައްކަތުގައި ރައީސް ޔާމީންއާއި އެންމެ ގާތުން މަސައްކަތް ކުރެއްވި، އަދި ޕީއެންސީ އާއި ހަވާލުވެ އެޕާޓީވެސް ހިންގުމުގައި ހުންނެވި އަބްދުއްރަޙީމް އަދުރޭ، ޔާމީނަށް ބޭވަފާތެރި ވެއްޖެ އެވެ. ރައީސް ޔާމީން ‘އެންޑޯސް” ކުރެއްވި ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑރ. މުއިއްޒު، ރައީސް ޔާމީންގެ ފޯނު ކޯލަށް ޖަވާބެއް ނުދެ އެވެ. ރައީސް ޔާމީނަށް ހުކުމް ކުރި ދުވަހާއި އެންމެ ފުރަތަމަ މިނިވަންވި ދުވަހު ކީރިތި ކުރައްވަން ތިއްބެވި ބޭބޭފުޅުންނަށް މިހާރު ރައީސް ޔާމީން މުހިންމެއް ނުވި އެވެ. ޕީޕީއެމްގެ ހިންގުމުން ރައީސް ޔާމީން އެކަހެރި ކުރެވި، އަނެއްކާވެސް އާ ޕާޓީއެއް އުފައްދާ ތަނެވެ.

ދެން އުފެދޭ ސުވާލަކީ، ބޭބޭފުޅު ރައީސް މައުމޫންގެ ސިޔާސީ އަޑު ފަނޑުވެގެން ދިޔަހެން ރައީސް ޔާމީންގެ ސިޔާސީ ތަރި އޮއްސިގެން ދާނޭތޯ އެވެ؟ ވެރިކަމުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކިތައް ޕަސެންޓް އަލަށް އުފައްދާ ޕާޓީއަށް ގެންދެވިދާނެތޯ އެވެ؟

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-