ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މައި އޮފީސް އިންގާ ހ. ހުރަފާ ހުސްކުރަން އެ އިމާރާތުގެ ވެރިފަރާތުން ޕީޕީއެމްއަށް އަންގައިފިއެވެ. މައުލޫމާތް ލިބޭ ގޮތުގައި މިކަން ޕީޕީއެމް އަށް އަންގާފައިވަނީ ހުކުރުދުވަހުގައި އެވެ.
ޕާޓީގެ އޮފީސް ހުސްކުރަން އަންގާފައިވަނީ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އެޕާޓީއިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމުގަ އަޑުތަކެއް ފިތުރިފައިވާ ވަނިކޮށެވެ. ރައީސް ޔާމީން ޕީޕީއެމް އިން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ވަކިވެވަޑައިގެންފާ ކަމަށް އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލް އަދި ކުރީގެ ރައީސް ޔާމީން ދައުރުގެ އެންމެ ފުރަތަމަ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައިއެވެ.
ގޭގެ ވެރިފަރާތުން ޕީޕީއެމްއަށް ފޮނުވި ސިޓީގައި އެދިފައި ވަނީ އެއް ދުވަހުގެ ތެރޭގައި ތަން ހުސްކުރުމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ ހ. ހުރަފައިގެ ގްރައުންޑް ފްލޯ އަދި އެއް ވަނަ ފަންގިފިލާ ކުއްޔަށް ދޫކުރީ “ރައީސް ޔާމީންގެ އެދިވަޑައިގަތުމުގެ މަތިން، ރައީސް ޔާމީންގެ އޮފީހެއް ހިންގެވުމަށް” ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ރައީސް ޔާމީންއާއި ދެމެދުގައި ހިޔާލުތަފާތު ވުންތަކެއްވާކުގެ އަޑުތަކެއް ފެތުރެމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެއެވެ. ރައީސް ޔާމީންގެ އިރުޝަދާއި ހިލާފަށް ޕީއެންސީއިން އިންތިހާބުގައި ވާދަ ކުރުމާއި, އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީންގެ ފޯންތަކަށް ޖަވާބު ނުދެއްވުން ފަދަ ކަންތައްތައް ހިމެނޭކަމަށް އަޑުތައް ފެތުރިފައިވެއެވެ.
މިހާރުގެ ޕީޕީއެމް/ޕީއެންސީގެ ޕާޓީގެ ލީޑާޝިޕުގައި ތިއްބެވި ގިނަ ބަޔަކު ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ.
ރައްޖޭގެ ސިޔާސީ ތާރީހަށް ބަލާއިރުގައި ކުރީގެ ރައީސުން ޕާޓީގެ ލީޑާޝިޕުގެ ތާއީދުގެއްލި އެޕާޓީއިން ވަކިވާން ޖެހިފައިވެއެވެ. އެގޮތުން ކުރީގެ ރައީސް 2008 ވަނަ އަހަރު އިންތިހާބު ނާކާމިޔާބުވެ ޑީއާރުޕީގެ ލީޑާޝިޕު ތާއީދުގެއްލި ޕީޕީއެމް އެފެއްދެވިއެވެ. އަދި 2013 ގައި ރައީސް ޔާމީން ރައީސްކަމަށް އިންތިހާބު ވުމާއި އެކު އެ ޕާޓީގެ ތާއީދު އެމަނިކުފާނަށް ގެއްލި އަނެއްކާވެސް އެމްއާރްއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވިއެވެ. ހަމަ އެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ރައީސްކަމަށް އިންތިހާބު ވުމަށް ފަހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހިޔާލުތަފަތުވެ ރައީސް ނަޝީދު ވަނީ އާ ޕާޓީއެއް އުފައްދަވައިފައިއެވެ.
ރައީސް ޔާމީން މާދަމާ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދަޔަކަށް އިލެކްޝަން ކޮމިޝަންގައި އެދިލައްވާނެކަމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފައިއެވެ.