އިޒްރޭލާއި ހަމާސް އިން ކުރަމުންދާ ހަނގުރާމަ 4 ދުވަހަށް މެދު ކަނޑާލުމާއި އެކު ފަލަސްތީނުގެ ބައެއް މީހުން އެނބުރި ޣައްޒާގެ މެދުތެރެއާއި އުތުރު ސަރަހައްދުތަކަށް ދާންފަށައިފިއެވެ. އެމީހުން ވަޒަންވެރިވަމުން ދިޔަ ގެޔަށެވެ. ނަމަވެސް އެނބުރި ދިޔަ ގިނަ މީހުންނަށް ގެއެއްގެ ބަދަލުގައި ފެންނަން އޮތީ ފަނާވެފައިވާ ސަރަހައްދެކެވެ. ބިމާއި ހަމަ ވެފައިވާ ކޮންކްރީޓް ތަކެކެވެ.
އަލްޖަޒީރާގެ ހިޝާމް ޒަޤޫތު ހޮނިހިރު ދުވަހު ޣައްޒާގެ މެދުތެރޭގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕަށް ޒިޔާރަތް ކޮށް ހަނގުރާމަ މަޑުޖެހުމުގެ ބޭނުން ހިފައިގެން އެމީހުންގެ އަވަށްތަކަށް އެނބުރި ދިޔަ ފަލަސްތީނުގެ ބައެއް މީހުންނާ ވާހަކަ ދެއްކެވި އެވެ.
”އަހަރެމެންގެ ގެ ހަލާކުވެއްޖެ، އެއްވެސް އެއްޗެއް ނެތް. ގޭގައި ގެންއުޅުނު ދޫނިތަކާއި ކުކުޅުތައް މަގުމަތީ ބުޅާތައްވަނީ ކާލާފައި“ އުމުރުން ދުވަސްވީ އަންހެނަކު ބުންޏެވެ. ”މިއީ ހަނގުރާމައެއް ނޫން. މިއީ ނަސްލުނައްތާލުން.. ކުރިން ނުފެންނަވަރުގެ ޖަރީމާއެއް“ އިތުރަށް އޭނާ ބުންޏެވެ.
ރެފިއުޖީ ކޭމްޕުގައި ތިބި މީހުންގެ ތެރެއިން އެމީހުންގެ އަވަށަށް ދިޔަ ގިނަ މީހުންނަށް ފެނުނީ އެ މީހުންގެ ގެ ބިމާހަމަވެ ކުންޏަށްވެފައިވާ ތަނެވެ.
”އަހަރެން އުންމީދު ކުރަނީ ހަނގުރާމަ ހުއްޓާލުމަކީ އަބަދަށް ދެމިގެންދާނެ ކަމެއް ކަމަށް“ ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުންދާ އިތުރު މީހަކު ވާހަކަ ދައްކަމުން ބުންޏެވެ.
4 ދަވަހުގެ މެދުކެނޑުމަކަށް ދެފަރާތުން އެއްބަސްވެފައިވަނީ ދެ ފަރާތުން ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށެވެ. އަދި ހާލުގައި ޖެހިފައިވާ ޣައްޒާ ފަރާއްތަކަށް އެހީ އާއި ސިއްހީ ފަރުވާ ފޯރުކޮއްދިނުމަށް ވަނީ އެއްބަސްވެފައިވެއެވެ. މިދިޔަ ހުކުރު ދުވަހު ފެށުނު މި މެދުކަނޑާލުން އިތުރަށް ދެމިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކާގެ ރައީސް ޖޯބައިޑަން ވަނީ ބުނެފައިއެވެ.