ސަރުކާރުހިއްސާވާ ކުންފުނިތަކަށް އައްޔަންކުރަން ވެރިން ކަނޑައަޅައިފިއެވެ. ނިއުސްލެބަށް އިތުބާރުހުރި ފަރާތަކުން މަޢުލޫމާތުދިންގޮތުގައި 6 ކުންފުންޏެއްގެ ވެރިން ކަނޑައެޅި، މަޤާމް ހަމަޖެއްސުމުގެ އިދާރީ މަސައްކަތްތައް މިހާރުދަނީ ކުރިއަށެވެ.
މިގޮތުން ރީޖަނަލް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރަން ހަމަޖެހިފައިވަނީ ކުރީގެ ބިލެތްދޫ ދާއިރާގެ މެންބަރ އަހުމަދު މުބީންއެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާ އަށް އައްޔަންކުރަން ނިންމާފައިވަނީ ޒީނާ ޒާހިރުއެވެ. ޕީޕީއެމްގެ ސްޕޯކްސްޕަރސަންގެ މަޤާމް ފުރުއްވަމުންއައި ހީނާ ވަލީދު އެންސްޕާއަށް، އަދި މިހާރުގެ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އާރބަންކޯގެ މެނޭޖިންގ ޑިރެކްޓަރުކަމަށް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑަބްލިއުއެސްސީ ގެ އެމްޑީކަންވެސް ފަޒުލް ރަޝީދު ވަނީ ކުރައްވާފައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް މުއާޒު މުހައްމަދު ރަޝީދު އައްޔަންކުރައްވަން ނިންމަވާފައިވާއިރު މުޢާޒަކީ ޕީޕީއެމްގެ ސެނެޓް މެމްބަރެއް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރުވެސްމެއެވެ. އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް އިބްރާހިމް ޝަރީފް އެމްއޭސީއެލްގެ އެމްޑީއަކަށް އައްޔަންކުރަން ނިންމަވާފައެވެ.
ކުންފުނިތަކަށް މީހުން އައްޔަންކުރުން ލަސްވެފައި އޮތީ ޕީސީބީގެ ބޯޑުގެ މެންބަރުން ހަމަނުވެ އޮތުމުންނެވެ. ނަމަވެސް މިހާރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މެންބަރުން އައްޔަން ކުރައްވާފައެވެ.