ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުންދިނުމާމެދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު މިއަދު މަޖިލީހުގައި ވާހަކަފުޅުދައްކަވައިފި އެވެ. ޤާސިމް އިބްރާހިމް ވިދާޅުވިގޮތުގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީއިން ވަޒީރުންނަށް ރުހުން ނުދިނުން ވާނީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ. ބައެއް ވަޒީރުންނަށް އެމްޑީޕީއިން ރުހުން ނުދީފާނެކަމަށް މީޑިއާގައި ދެކެވެމުންދާ ވާހަކައަށް ރިޢާޔަތްކޮށް ޤާސިމް ވިދާޅުވީ އެވާހަކަތަކުގެ ޙަޤީޤަތް ސާފުނުވާކަމަށެވެ. އަދި އެފަދަ ކަމެއް އެމްޑީޕީން ކޮށްފާނެކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
މިފަދައިން އެމްޑީޕީއާ ގުޅޭގޮތުން ޤާސިމް ވާހަކަދައްކަވާފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކޯލިޝަން ހެދުމަށް އެމްޑީޕީއިން ވަނީ ޖުމްހޫރީ ޕާޓީއަށް ދަޢުވަތު ދީފަ އެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީއިން ވަނީ ޖުމްހޫރީ ޕާޓީއަށް ކޯލިޝަން ހެދުމަށް ޝައުޤުވެރިކަން ފާޅުކޮށް ސިޓީއެއް ފޮނުވާފައެވެ. އަދި މިކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް ވެއެވެ.