-Advertisement-

-Advertisement-

އެންމެ އަވަހަށް ހަނދާންނެތޭ ވަޢުދު – މަސްވެރިކަން

ރިޔާސީ އިންތިޚާބެއް ބޯމަތިވާއިރު އެންމެ ބޮޑަށް ހެވިފައިތިބެނީ މަސްވެރިންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތަށް އެކި ކެނޑިޑޭޓުން ކުރަން ފަށާ ވަޢުދުތަކާމެދު ވިސްނާލުމުން، ދެން އިތުރަށް މިދާއިރާއަށް ކޮށްދެވޭނެ ކަމެއް އޮވެދާނެބާއޭ ހިތަށް އަރައެވެ. ރަށެއްގެ ބަނދަރުމަތީގައި ދަމާފައި ހުންނަ “ވަޢުދު ބެނާތައް” ފެނުމުން މަސްވެރިންގެ ދިރިއުޅުން ހަމައަކަށް އެޅި ތަނަވަސްކަމުގެ ޙަޔާތެއް ލޮލަށް ސިފަވެގެންދާފަދައެވެ.

މިއީކީ އިއްޔެއަކު މިއަދަކު އަލަށް ހިނގާ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ޕާޓި ނިޒާމް އުފެދި، ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދިގު 30 އަހަރު ނިމުނު ފަހުން ކަން ހިނގަމުންއަންނަ ގޮތެވެ. ރިޔާސީ އިންތިޚާބުތަކަށް ކުރިމަތިލީ ހުރިހާ ކެނޑިޑޭޓުން މަސްވެރިކަމަށް ވީ ވަޢުދުތައް ލިޔަންވެއްޖެނަމަ ފޮތެއް ލިޔެ ޝާއިޢުކުރާވަރަށް ވަޢުދުވެފައި އެބަހުއްޓެވެ.

ހަމަގައިމުވެސް މިހުރިހާ ވަޢުދަކީ ފުއްދޭނެ ކަންކަމެއް ނޫނެވެ. ކިތަންމެ ގިނަ މީހުން ކުރިމަތިލިޔަސް ހޮވެނީ އެންމެ މީހެކެވެ. އެމީހަކު ވެރިކަމުގައި ކޮށްދިނިއްޔާ ކޮށްދިނީއެވެ. ނުކޮށްދިނިއްޔާ އެހެން މީހަކަށް ވެރިކަން ހޯދައިދިނުމަށް ފޫގަޅާފަ ނުކުންނަންވީއެވެ. މީހަމަ ދިވެހިރާއްޖޭގައި ކަން ހިނގަމުންދާގޮތެވެ.

މަސްވެރީންނަށް ބޮޑެތި ވަޢުދުތަކެއް ކުރުމަށްފަހު ރިޔާސީ ރޭހުން ކުރި ހޯދައި ޤައުމުގެ ހުންގާނާއި 2013ގައި ހަވާލުވީ ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމެވެ. މިގޮތުން، އަޑުއަހާލަން އަދި ދުލަށް ފަސޭހަ “ބެޔަސް ނުބެޔަސް -/10،000ރ ” ވަޢުދަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގެ މަސްވެރިން މިއަދުވެސް ހަނދާންހުންނާނެ ވަޢުދެކެވެ.  ޕީޕީއެމްގެ “ގުޅިގެން” މެނިފެސްޓޯގައިވާ “މަސްވެރިންނަށް މުއްސަދިކަން ހޯދައިދިނުމުގެ” އެންމެ އިސް ވަޢުދަކީވެސް މިއެވެ. ވަޢުދު ލިސްޓް ކުރެއްނޫނެވެ. މަސްވެރީންނަށް މެރީނާ ޤާއިމްކޮށްދިނުމާއި ޒުވާން މަސްވެރިންނަށް ފަހިފުރުސަތު ފަހިކޮށްދީ އޮޑިވެރިންނަށްހަދައިދިނުމަކީ މަސްވެރިން ވަރަށް ޤަބޫލުވި ވަޢުދުތަކެކެވެ. ކަނޑުފަޅުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް މެރިކަލްޗަރގެ ވަސީލަތްތައް މަސްވެރީންނަށް ބޭނުންކުރެވޭ ގޮތަށް ޤާއިމްކޮށްދިނުމަކީ އަލަށް މަސްވެރިކަމުގެ ދާއިރާއަށް ނުކުންނަން ބޭނުންވި އެތައް ޒުވާނުންނެއް އިންތިޒާރުކުރަން ފެއްޓިކަމެކެވެ. އަދި މަސްގަންނަ އަގު ކަނޑައެޅުމުގައި މަސްވެރިންގެ ބައިވެރިވުން އޮންނަގޮތަށް ކަންކަން ބަދަލުކުރަންވެސް މެނިފެސްޓޯގައި ވެއެވެ.

ދެންވީކިހިނެތްތޯއެވެ. މަސްވެރިކަމުގެ ސިނާޢަތުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ ފަރާތްތަކާއި އެމީހުންގެ އާއިލާތަކުން ޚިޔާރުކުރީ ޕީޕީއެމް ވެރިކަމަށް ހޮވާށެވެ. ޤައުމުގައި ހިނގަމުންދިޔަ “ބަދަލުކުރުމުގެ” އޮއެވަރާ މަސްވެރީންގެ ތާއީދާއި އަދިވެސް އެތައް ސިނާޢަތެއްގެ ތާއީދާއި އެކު ވެރިކަމަށް ޕީޕީއެމް ގެނައެވެ. މަސްވެރިން ވަގުތު ގުނަންފެށީ އެމީހުނަށް ލިބެންހުރި މަންފާތަކަށެވެ. ނަމަވެސް ކަންތައްވީ އުއްމީދުކުރެވުނު ގޮތަކަށް ނޫނެވެ.

“ބެޔަސް ނުބެޔަސް -/10،000ރ އެއް ނުލިބުނު. މެރީނާތަކެއް ނުފެނުނެވެ. މަހުގެ އަގަށް ބަދަލުގެނައިކަން އަހަރުމެންނަށް ބައެއްފަހަރު އެނގެނީ މަސްކިރަން ކޫއްޑޫ ފަޅަށް ވަނީމަ. ޒުވާނުންނަށް ލިބޭނެކަމަށް ބުނި މަސްދޯނިފަހަރުގެ ވާހަކައެއް ފަހަކުން ދެއްކި އަޑެއް އަހަންނެއް ނާހަން. ދެން އަހަރެމެން ބޭނުންވީ އަވަހަށް އެވެރިކަން ބަދަލުކޮށް މަސްވެރިންނަށް ރަނގަޅު ވެރިޔަކު ގެންނާން.” 28 އަހަރު މެދުކެނޑުމެއްނެތި ކަނޑުމަސްވެރިކަމުގައި އުޅެމުންދާ ހުވަދޫ މަސްވެރިއަކު ކިޔައިދިނެވެ.

ކަންތައްވީވެސް އެހެންނެވެ. 2018ގެ އިންތިޚާބަށް ގާތްވެގެން އައިއިރު މަސްވެރިންގެ ބޮޑު އާބާދީއެއް ތިބީ “ބަދަލަކަށް” އެދިއެދި އެވެ. ވެރިކަމަށް ކުރިމަތިލީ އެހެން ޕާޓީތަކުން އެންމެބޮޑަށް ސަމާލުވެ ރުއްސަން އުޅުނީވެސް މަސްވެރިންނެވެ. އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އެމްޑީޕީއިން ވާންފެށި ވަޢުދުތަކެވެ.

“ޖަޒީރާ ރާއްޖެ” މެނިފެސްޓޯގައި ހުރި ވަޢުދުތަކަކީ އަނެއްކާވެސް މަސްވެރިން ވަރަށް ޤަޔާވި ވަޢުދުތަކެކެވެ. ބާނާ މަހަށް ހަމައަގު ހޯދައިދިނުމާއި، ބޭރުގެ މަސްގަންނަ ބޯޓްފަހަރުތައް ރާއްޖެ ގެނެސް މެދުވެރިއެއްނެތި މަސްވެރީންނަށް މަސް ވިއްކޭނެ މަގު ހުޅުވާލުމަށް އެޕާޓީއިން ވަޢުދުވިއެވެ. ބޮޑުކަންނެލީގެ މަސްވެރިންނަށް ފަސޭހަވާނޭހެން އޮފްޝޯރ ފިޝަރީޒް ޕްލެޓްފޯމް ޤާއިމްކުރުމާއި ގޭދޮށު މަސްޕްލާންޓް ޤާއިމްކުރުމާއި އެންވެރިކަން އާލާކުރުމަށް އެން ފެކްޓަރީ ޤާއިމް ކުރުން އަދި މަސްވެރީންގެ ސީދާ ޖީބަށް ޑޮލަރު ވައްދައިދިނުމަށް އަވައްޓެރި ޤައުމުތަކަށް ފަސޭހަކަމާއި އެކު ގޮސް، ބޭނި މަސްކޮޅު ކިރާލެވޭނެ އިންތިޒާމް ހަމަޖެއްސުންވެސް ވަޢުދު ނާމާގައި އޮތެވެ.

މިވަޢުދުތަކުގެ އަވާގައި މަސްވެރިން ޖެހިއްޖެއެވެ. ޕީޕީއެމް ސަރުކާރުން މަސްވެރިންނަށް އަޅާނުލައިގެން ބަދަލަކަށް ބޭނުންވެފައިތިއްބާ މިފެނުނީ މަސްވެރިންގެ އިޙުސާސްތައް ދަންނަ ބަޔަކު ކޮށްފައި ހުރި ވަޢުދުތަކެކެވެ. މަސްވެރިންނަށް ޤަބޫލުކުރެވުނީ އަނެއްކާވެސް ދިރިއުޅުން އުޖާލާވެ ތަނަވަސްކަން އަރާހަމަކުރަނީ ކަމަށެވެ. ނަމަވެސް ފެނިގެންދިޔައީ މާޒީ ތަކުރާރުވެގެން ދިޔަތަނެވެ. “ހަމައަގު” ވީ ދަށެވެ. މަސްކިލޯއެއްގެ އަގު -/16ރ އަށް ވެއްޓިގެންދިޔައީއެވެ. ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވެގެން ދިޔައީއެވެ. ބާނާ މަސް ނުކިރި މޫދަށް އުކާލަންޖެހުނީއެވެ. ވިއްކި މަހަށް ލިބެނީ “ބިލް” ކޮޅެކެވެ. ފައިސާ ލިބެނީ އެފައިސާ ކަންމަތީ ފިހާރައަށް ޚަރަދުވާ ފަހުންނެވެ.  މަސްވެރިކަމުގައި އުޅެމުންދިޔަ އެތައްޒުވާނުންނަކަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާލިބުމުން މަސްވެރިކަމާއި ދުރަށް ޖެހިލީއެވެ. ގިނަ މަސްދޯނިތަކުގައި ދިވެހީންނަށްވުރެ ބިދޭސީން ގިނަވެ މަސްވެރިކަން ކުރިން ނުދާހާ ބޮޑަށް ދަށަށް ދިޔައީއެވެ.

އުއްމީދުކުރި އެއްވެސް ކަމެއް ހާސިލްނުވުމުން އަނެއްކާވެސް މަސްވެރިން މާޔޫސްވެއްޖެއެވެ. ޒަމާންވީ އާދަކާދައިގެމަތީން ވެރިމީހާ ބަދަލުކުރުމަކީ ހަމައެކަނި އޮތް ހައްލުކަމަށް ވިސްނަން ފަށައިފިއެވެ. 2023 އިންތިޚާބަށް ޕާޓީތަކުން ކެމްޕޭން ކުރަން ފެށުމުން މަސްވެރިންގެ އުދާސްތައް ކެނޑިޑޭޓުންގެ ކުރިމަތީގައި އޮއްސާލައިފިއެވެ. މަސްވެރިން ރުއްސުމަށްޓަކައި ވެރިކަމުގައި އޮތް އެމްޑީޕީން މަހުގެ އަގު -/25ރ އަށް ބޮޑުކޮށްފިއެވެ. ނަމަވެސް މަސްވެރިން މިބަދަލަށް ހެއްލޭ ގޮތެއްނުވިއެވެ. މަސްވެރިން ބުނަންފެށީ އެއީ ހަމައެކަނި ދެވަނަ ދައުރެއްގެ ބޭނުމުގައި ކުރި ކަމެއް ކަމަށެވެ. ދެވަނަ ދައުރެއް ލިބިއްޖެނަމަ އަނެއްކާވެސް މަހުގެ އަގު ތިރިކުރާނެއެވެ.

ވެރިކަމަށް ކުރިމަތިލީ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން -/25ރ އަށް ވުރެ މަހުގެ އަގު ތިރި ނުކުރަން އެއްބަސްވެސް ވެއްޖެއެވެ. ރިޔާސީ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިކަން އިޢުލާންވެސް ކުރައްވައިފިއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތަށް ބިނާކޮށް 20 އަށް ވުރެ ގިނަ ވަޢުދުވެސް މެނިފެސްޓޯގައި ހިމެނިއެވެ. ނަމަވެސް ވެރިކަމަށް ހޮވި، ހަފްތާއެއް ނުވަނީ ރާގު ބަދަލުވާން ފަށައިފިއެވެ. -/20ރ އަށްވުރެ މަހުގެ އަގު ކުޑަނުކުރާނެ ކަމަށާއި، -/25ރ އަށް މަސްކިލޯއެއް ގަތުމުން ދައުލަތަށް ވަރަށް ބޮޑަށް ގެއްލުންވާކަމަށް  ބުނަންފަށައިފިއެވެ.

“ހަމަ މިޖެހެނީ އެއްތާކު. ކޮންމެ ބައެއް އަޔަސް މިހަދަނީ ހަމަ އެއްގޮތެއް. އަހަރެމެންނަށް ރަނގަޅުގޮތެއް ހަދައިދޭނެ ބަޔަކު އަންނާނެކަމަށް ޤަބޫލެއް ނުކުރަން މިހާރު.” މަސްވެރިއެއްގެ އިޙުސާސް ނިއުސްލެބާއި ޙިއްސާ ކުރަމުން ބުންޏެވެ. “ޔާމީނުވެސް އަހަރުމެން މަތީން ހަނދާން ނައްތާލީ. އިބޫވެސް އަހަރުމެންނަށް އަޅައެއްނުލި. މިހާރުގެ ރައީސް ވެސް ވަކި ރަނގަޅެއް ނުވިތާ. މިހާރު އެދައްކަނީ 20ރ އަށް އަގު ތިރި ކުރާ ވާހަކަ.” އަސަރާއިއެކު ކިޔައިދިނެވެ.

މަސްވެރިން އަދިވެސް ތިބީ އުއްމީދުގައެވެ. ފާއިތުވެގެންދިޔަ ދެ ވެރިކަމުގައިވެސް އެމީހުން ކުރި އުއްމީދުތައް ފުރިހަމަ ނުވިކަމަކު އަދިވެސް އެދެނީ މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރުންދޭ އަހައްމިއްޔަތުކަން އިތުރުކުރުމެވެ. މަސްވެރިންނަށް ފައިދާހުރި ކަންކަން ތަޢާރަފްކޮށް ހިންގުމެވެ. އެމީހުންނަށް ވެފައިހުރި ވަޢުދުތައް “ރަނުން ރަނަށް” ފުއްދުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-