މާލޭ ސިޓީ މޭޔަރެއް އިންތިޚާބު ކުރަން ބާއްވާ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް އެޕާޓީގެ ޕްރައިމަރީގައި، ކުރީގެ މާލޭ މޭޔަރު ސަރަނގު އާދަމް މަނިކު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވާދަކުރައްވަން ނިންމަވައިފިއެވެ. ނިއުސްލެބަށް މަޢުލޫމާތު ލިބިފައިވާ ގޮތުން މިދެބޭފުޅުންވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ތާއީދުހޯއްދެވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ.
މާލެސިޓީގެ ފުރަތަމަ މޭޔަރު ސަރނގު އާދަމް މަނިކު ވަނީ އެންމެފަހުން ބޭއްވުނު ކައުންސިލް އިންތިޚާބުގައިވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާފައެވެ. ނަމަވެސް އެފަހަރު ޕްރައިމަރީ ކާމިޔާބުކުރެއްވީ އަންސް އަބްދުސައްތާރު އެވެ.
އާދަމް އާޒިމް އަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކުރީ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަޤާމް ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް ޖުމްހޫރީޕާޓީއިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމުން އެޕާޓީ ދޫކުރައްވާ އެމްޑީޕީއާއި ގުޅިވަޑައިގެންނެވީއެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިޢުލާންކުރެއްވާފައިވާ ކުރީސަރުކާރުގެ ޔޫތް މިނިސްޓަރ މަހުލޫފް ޕްރައިމަރީގައި ވާދަނުކުރައްވަން ނިންމަވާފައިވާކަމަށްވެސް ނިއުސްލެބަށް ވަނީ މަޢުލޫމާތު ލިބިފައެވެ.