އދ. ދިގުރަށުގައި ވިހެއުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ..
އެރަށު ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އެކުއްޖާ އާ ހަވާލުވުމަށްފަހު ފުލުހުން ވަނީ އެކުއްޖާގެ ހަށިގަނޑު މާލެ ގެންގޮސްފައެވެ. އަދި ކުއްޖާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ.
ވިހެއި އެ ކުއްޖާ އެއްލާލި މައްސަލައިގައި އެރަށު ގެސްޓު ހައުސްގައި މަސައްކަތްކުރާ އުމުރުން 30 އަހަރުގެ ލަންކާގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އަންހެން މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ ރަށު ކައުންސިލުން ގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ފެނުނީ އެރަށު ގެސްޓު ހައުސަކުން ނެރުނު ކުނި ކޮތަޅެއްގެ ތެރެއިންނެވެ. ނަމަވެސް އެއްވެސް އަނިޔާގެ ނިޝާނެއް ހަށިގަނޑުގައި ފެންނާކަށް ނެތް ނަމަވެސް އެ ކުއްޖާ މަރާލީ ނޭވާ ހާސްކޮށްގެން ކަމުގެ އަޑުތައް ރަށުތެރޭ ވަނީ ފެތުރިފައެވެ.
އަދި އެ އަންހެންމީހާ އަކީ ގަޔަށް ދޫކޮށް އޮންނަ ހެދުންލާ މީހެއް ކަމުން ބަނޑު ބޮޑުކަމެއް ގެސްޓު ހައުސްގެ މީހުންނަށްވެސް ނޭނގޭ ކަމަށް އެރަށު މީހުން ވަނީ ބުނެފައެވެ.
ކުއްޖާ ބެލި ޑޮކްޓަރު ބުނާގޮތުން ނަމަ ކުއްޖާ އެއްލާލީ ވިހެއިތާ އެއްގަޑިއިރު ނުވަނީސްއެވެ.