-Advertisement-

-Advertisement-

ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 70 އިން މައްޗަށް

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އައްޔަންކުރި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު، އިއްޔެ އައްޔަންކުރެވުނު 9 ނާއިބުންނާއިއެކު 70 އިން މައްޗަށް އަރައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި މިހާރު ހުރި މަޢުލޫމާތަށް ބަލާއިރު މިހާރު ތިބި ޑެޕިއުޓީ މިނިސްޓާރުންގެ ފެންވަރުގެ މީހުންގެ އަދަދަކީ 70 އެވެ. އެއީ އެންމެ ފުރަތަމަ 28 ނޮވެންބަރުގައި އައްޔަންކުރެވުނު 26 ޑެޕިއުޓީ މިނިސްޓަރުންނާއި 29 ނޮވެންބަރުގައި އައްޔަންކުރެއްވި 18 ޑެޕިއުޓީ މިނިސްޓަރުންނާއި 30 ނޮވެންބަރުގައި އައްޔަންކުރެއްވި 17 ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން 6 ޑިސެމްބަރުގައި އައްޔަންކުރެވުނު 9 ޑެޕިއުޓީ މިނިސްޓަރުންނެވެ.

29 ނޮވެންބަރުގައި އައްޔަންކުރެވުނު ކަމަށް ފުރަތަމަ އިޢުލާންކުރެވުނީ 20 ޑެޕިއުޓީ މިނިސްޓަރުންނެވެ. ނަމަވެސް އޭގެ އެއްދުވަސް ފަހުން މިދެންނެވި 20 ބޭފުޅުންގެ ތެރެއިން 2 ބޭފުޅެއްގެ ނަން ވަނީ އެލިސްޓުން އުނިކުރެވިފައެވެ. މިކަމާބެހޭގޮތުން ރައީސްއޮފީހުން އިތުރު މަޢުލޫމާތެއް ލިބޭގޮތެއްވަނީ ނުވެފައެވެ.

މިހާތަނަށް އައްޔަންކޮށްފައިވާ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދަކީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރުގައި ތިއްބެވި ޑެޕިއުޓީ މިނިސްޓަރުންނަށްވުރެ އިތުރު އަދަދެކެވެ. ކުރީސަރުކާރުން އައްޔަންކުރެއްވި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދަކީ 65 އެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެންޕޭން ދުވަސްވަރު ސިޔާސީ މަޤާމްތައް ވަކިއަދަދަކަށް ވުރެ ގިނަނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-