އާއަހަރުގެ ފެށުމާ ދިމާކޮށް މޯލްޑިވިއަން އިން އެތެރޭގެ އުދުހުންތައް އިތުރުކުރަން ނިންމައިފިއެވެ. ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ނެރުނު “އިތުރުކުރާ ފްލައިޓް ޝެޑިއުލް” ގައި ވާގޮތުން ޑިސެމްބަރ 18 އިން ޖެނުއަރީ 5 އާއި ދެމެދު، ހަތަރު މަންޒިލަކަށް ދަތުރުތައް ވަނީ އިތުރުކޮށްފައެވެ.
ހއ. ހޯރަފުށި، ށ. ފުނަދޫ، ތ. ތިމަރަފުށި އަދި ގދ. މާވާރުލުއަށް ދަތުރުތައް އިތުރުކޮށްފައި މިވަނީ ސްކޫލް ޗުއްޓީއާއި ދިމާވާ ގޮތަށެވެ. ދިވެހިން އާދަވެގެން ޗުއްޓީ ހޭދަކުރާ ދުވަސްވަރަކީ އަހަރު ނިމޭ ދުވަސްކޮޅެވެ. މިދުވަސްވަރަކީ ރާއްޖެއިން ބޭރަށް އަދި ރާއްޖޭގެ އެކި ރަށްރަށަށް މީހުން ދަތުރުކުރުމުގެ ސަބަބުން ފްލައިޓްތަކަށް ޓިކެޓް ލިބުމުގައި ދަތިވާ ދުވަސްކޮޅެކެވެ.
މޯޅްޑިވިއަންގެ “އެޑިޝަނަލް ފްލައިޓްސް ޝެޑިއުލް” ގައި ވާގޮތުން ހޯރފުއްޓަށް 4 ފްލައިޓް، ފުނަދުއަށް 3 ފްލައިޓް އަދި މާވާރުލު އަށް 3 ފްލައިޓް ވަނީ އިތުރުކޮށްފައެވެ. އަދި މީގެއިތުރުން ތިމަރަފުށްޓަށް ވަނީ 1 ފްލައިޓް އިތުރުކޮށްފައެވެ. މިހަތަރު މަންޒިލަކީ ހަފްތާއަކު އެންމެ ގިނަވެގެން 3 ނުވަތަ 4 ފްލައިޓް އޮންނަ އެއަރޕޯޓްތަކެވެ.