ބާޒާރުގައި -/250ރ އާއި -/350ރ ދެމެދު ހުރި ފިޔާ ބަސްތާއެއްގެ އަގު -/700ރ އިން މައްޗަށް ހިނގައްޖެއެވެ. އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލުމުން ރާއްޖޭގައި ފިޔާގެ އަގު ބޮޑުވާނެކަމަށް ކުރިންވެސް ވަނީ ބެލެވިފައެވެ.
8 ޑިސެމްބަރ ގައި އިންޑިއާގެ ޑިރެކްޓަރ ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން ވަނީ މިއަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. މިއީ އިންޑިއާގެ އިންފްލޭޝަން ދަށްކުރުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ. ބޯޓްތަކަށް ބަރު ކުރެވިފައިވާ ނުވަތަ ބަރު ކުރުމަށް އޯޑަރުދެވިފައިވާ ފިޔާ ވެސް އެކްސްޕޯޓް ކުރުމުގެ ފަހު ތާރީޚަކީ 5 ޖެނުއަރީއެވެ.
ދިވެހިރާއްޖެއަށް އެންމެ ގިނައިން ފިޔާ އިމްޕޯޓް ކުރަނީ އިންޑިއާއިންނެވެ. ރާއްޖޭގެ ބާޒާރުގައި އެންމެ ޢާއްމުކޮށް ވިއްކަން ހުންނަނީ އިންޑިއާ އަދި ޕާކިސްތާނުން ގެންނަ ފިޔާ އެވެ. ބާޒާރުގައި ފިޔާގެ އަގު އަދިވެސް މައްޗަށް ދާނެކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.
“މިހާރު ގިނަ ފިހާރަތަކުން ލިބެނީ -/500ރ އަށް ބަސްތާއެއް ނޫނީ އެއަށް ވުރެ އަގު ބޮޑު. ސަޕްލައި އިތުރު ނުވަންޏާ -/1000ރ އަށް އަރާނެކަމަށް މިބަލަނީ މިހަފްތާ ބަންދަށް” މާލެސިޓީގައި ހޯލްސޭލް 2 ފިހާރަ ހިންގާ ވިޔަފާރިވެރިއެއް މަޢުލޫމާތުދިނެވެ.
އިންޑިއާއިން އެކްސްޕޯޓް މަނާކޮށްފައި ވިޔަސް ޤައުމުތަކުގެ ސަރުކާރުން އެދިއްޖެނަމަ، އެކްސްޕޯޓް ކުރުމުގެ ހުއްދަދޭނެކަމަށް އެޤައުމުން ވަނީ ބުނެފައެވެ.