ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރައްވާނެ ކަމަށާއި ފައިސާ އިސްރާފުކުރުމުގައި ބައިވެރި ނުވާނެކަމަށް މާލެސިޓީ ކައުންސިލްގެ ހުސްވެފައިވާ މޭޔަރުގެ މަޤާމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވުނު އެމްޑީޕީ މާލޭ ސިޓީކައުންސިލް ބައިއިލެކްޝަން ކެމްޕޭން ފެށުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ އޭނާގެ ތަސައްވުރު ޙިއްސާކޮށްދެއްވާފައެވެ. ދެފުށްފެންނަ ސިޔާސަތެއް ގެންގުޅުއްވާނެކަމަށާއި އެއީ ކޮންމެ އިދާރާއެއްވެސް ހިންގުމުގައި އެންމެ މުހިއްމު ކަންތައްކަމުގައި އާޒިމް ވިދާޅުވިއެވެ.
ރައްޔިތުންނަށް ގާތުން ޚިދުމަތް ދެވޭނެ، ރައްޔިތުން އާދޭސް ކުރަން ނުޖެހޭ ނިޒާމަކުން ރައްޔިތުންނަށް ޚިދުމަތް ދެއްވާނެ ކަމުގެ ޔަޤީންކަން އާޒިމް ދެއްވިއެވެ. އަދި މާލޭގެ ރައްޔިތުން އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށާއި ބިމުގެ ދަތިކަން ވަރަށް ބޮޑަށް ޖެހިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. މިގޮތުން މިހާރުގެ ސަރުކާރުން ހިންގަން ވަޢުދުވެފައިވާ “ފުށިދިއްގަރުފަޅު” ޕްރޮޖެކްޓަށް އާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި އެ ޕްރޮޖެކްޓަށް ވުރެ މުހިއްމުކަމަކަށް މިހާރު މީހުން ދިރިއުޅެމުންދާ މީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ރަނގަޅަށް ދިނުމަށް އާޒިމް ގޮވާލެއްވިއެވެ. އަދި އެޕްރޮޖެކްޓަކީ މިހާރަށް އޮތް އޮޕްޝަނެއް ނޫންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މާލެސިޓީ ކައުންސިލުން ކޮށްފައިވާ ނޭދެވޭ ކަންކަމަށްވެސް އާޒިމް އަލިއަޅުއްވާލެއްވިއެވެ. މާލެސިޓީ ވިލިމާލޭގައި ހަލާކުވާން ދޫކޮށްލާފައިވާ ބަގީތަކުގެ މައްސަލަ ފާހަގަކުރަމުން އާޒިމް ވިދާޅުވީ އެއީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ބައިވެރި ނުވާނެކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް އަދި އެމްޑީޕީގެ ކެންޕޭން މޮޓޯ “ފެހި ތަނަވަސް މާލެ” ގެ ދަށުން މާލެސިޓީ “ބަގީޗާ މާލެ” އަކަށް ހައްދަވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް އަކީ އެސްޓީއޯގެ ހިންގުމުގައި ކުރިން ވަރަށް އިސްދައުރެއް އަދާކުރެއްވި ހިންގުންތެރި ވެރިއެކެވެ. މިގޮތުން އެސްޓީއޯއިން މުޅި ރާއްޖޭގައި ޤާއިމްކުރި ބޭސްފިހާރަތަކަކީ އާޒިމްގެ މޭސްތިރިކަމުގައި ފެނިގެންދިޔަ ކާމިޔާބު ޕްރޮޖެކްޓެކެވެ. އަދި އެމްޓީސީސީގައި އާޒިމް ކުރެއްވި މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭފަދަ ތާރީޚީ މަސައްކަތްތަކެކެވެ.