ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށިއިރު، ދައުލަތުން މަސްވެރިންނަށް ދަރާފައިވާ ފައިސާގެ ތެރެއިން 136 މިލިއަން ރުފިޔާ މިހާތަނަށް ޖަމާކޮށްދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަން މިނިމިދިޔަ ނޮވެމްބަރ މަހުގެ 17 ގައި ފެށިފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ އެބަހުރި ކަމަށާއި މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް އޭގެ އިތުރަށް ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރި އާއިލާތަކަށް މިގޮތަށް ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ ވަރަށް އުނދަގޫ ތަހައްމަލު ކުރަން ޖެހޭނެ ދުވަސްތަކެއް ކަމަށް މި ސަރުކާރުން ގަބޫލުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، ސްޓޯރޭޖް އިތުރުކުރުމަށާއި އައިސް އުފައްދާ މިންވަރު އިތުރުކުރުމަށް ސަރުކާރުން މިހާރު ވެސް ހިނގަމުން އަންނަ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމާއި އާ މަޝްރޫއުތައް ފެށުމަކީ މި ސަރުކާރުގެ އަމާޒެކެވެ.