-Advertisement-

-Advertisement-

އިންޑިއާ ސިފައިންގެ އަދަދު- ބޮޑު އޮޅުވާލުމެއްތަ؟

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާ އައުޓް ޙަރަކާތެއްގައި – ފޮޓޯ: އަދަދު

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމުގެ ވާހަކައަކީ ރާއްޖޭގައި އެންމެ ގިނައިން ދެކެވޭ އަދި އެކި މަޖިލިސްތައް ފަޅުފިލުވާލަދޭ ވާހަކައެވެ. ކުރީ ސަރުކާރުގެ ފަހު 2 އަހަރުން ފެށިގެން މިވާހަކައަކީ ރާއްޖޭގެ މީޑިއާތަކުގައި އެންމެ ހޫނު އެއް ސުރުޙީއެވެ. ވެރިކަމާއި ހަވާލުވުމުގެ ކުރިން 2000 އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް އަޑު ފެތުރުނެވެ. ކުރީސަރުކާރު ދިފާޢުކުރާ މީހުން މިވާހަކަ ދޮގުކުރާއިރު އަލަށް ހޮވުނު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިޔައީ ހުރިހާ ސިފައިން އަނބުރާ ފޮނުވާލާނެކަމަށް ބުނެ ގަދަބަސް އިއްވަމުންނެވެ.

ވެރިކަން ލިބި، ކެބިނެޓް އެކުލަވާލާ ސަރުކާރުގެ އިސް މަޤާމްތައް ފުރަން މީހުން އައްޔަން ކޮށްފިއެވެ. ފޮރިން މިނިސްޓްރީއާއި ރާއްޖޭގެ ދިފާޢީ ބާރު އަދި އިމިގްރޭޝަންގައިވެސް ތިބީ ރައީސް އައްޔަން ކުރައްވާފައި ތިއްބެވި ވެރިންނެވެ. ރާއްޖޭގައި ޤާއިމްކޮށްފައިވާ ދިފާޢީ އެކި މަރުކަޒުތައް މިހާރު ހިނގާނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުނެނެވެ. އެހެނީ އެމަނިކުފާނަކީ ރާއްޖޭގެ ދިފާޢީ ބާރުގެ ވެރިޔާއެވެ.

އެހެނަސް އެންމެން ހީކުރިގޮތާ ޚިލާފަށް ރާގު ބަދަލުވެއްޖެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން ކަށަވަރުވިޔަސް އަދަދު ހާމަކުރުމުގައި މިސަރުކާރުން ޖެހެނީ ހަމަ ފަހަތަށެވެ. ވެރިކަމަށް އައުމަށްފަހު ކުރާނެ އެންމެ މުހިއްމު ކަމަކީ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުންކަމަށް ބުނަމުން އައީ ހަމައެކަނި ވޯޓް ހޯދުމަށް ކަމަށް ހީވާން ފަށްޓައިފިއެވެ. “އިންޑިއާ އައުޓް” ކެންޕޭނަކީ ހަމައެކަނި ކޮށްލި ކެންޕޭން ސްޓްރެޓެޖީއެއް ކަމަށް ހީވާން ފަށްޓައިފިއެވެ.

ޚުދު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލު ވެއްޖެއެވެ. މަންޒަރު ދުރާގާތުން ފެނުނު ރައްޔިތުން އުއްމީދުކޮށްގެން ތިބީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ ކަންކަން މުޅިން ހަމަޖެހުނީ ކަމަށެވެ. ނަމަވެސް ރައީސް ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރެއްވުމުން ކުރެވުނު ސުވާލަށް ދެއްވީ ވަރަށް ފިނި ޖަވާބެކެވެ. ޚުދު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށްވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ނޭނގޭ ކަމަށް އެއްބަސްވެވަޑައިގަތެވެ

“މިހާތަނަށް އަޅުގަނޑުމެންނަށް ފޮރިން މިނިސްޓްރީއާއި ޑިފެންސްއާއި މިތަންތަނުން ލިބުނު ލިޔުންތަކުން އެކިފަހަރު ހުރީ އެކި އަދަދު އައިސްފަ. 77 އިން 89 އާ ހަމައަށް އެބަދޭ. ދެން އެވެސް ސާފެއްނުވޭ. އެއަށް ވުރެ އިތުރުވެސް ވެދާނެ.” ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވިއެވެ.

2000 އިން 89 އަކަށް އަދަދު ތިރިވުމަކީ ލިބުނު ހައިރާން ކަމެކެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ޤަބޫލުކުރަން ދަތިވި ކަމަކީ ޤައުމުގެ ވަލިއްޔުލްޢަމްރަށް ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ތިބި އަދަދު ނޭނެގުމެވެ. ބޯޑަރު ހުރަސްކޮށް ޤައުމަކަށް ވަންނަ އެހެން ޤައުމެއްގެ ސިފައިންގެ މަޢުލޫމާތު ހަމަގައިމުވެސް އިމިގްރޭޝަނުން ބަލަހައްޓާނެއެވެ. އެއްބަސްވުންތަކެއްގެ ދަށުން ރާއްޖޭގައި ސިފައިން ބޭތިއްބި ކަމުގައި ވާނަމަ އެއްބަސްވުންތަކުގައި އަދަދުތައް ބަޔާންކޮށްފައި ވާނެއެވެ.

ރައީސް އޮފީހުން ބޭއްވި އެހެން ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސްއޮފީހުގެ އަންޑަސެކެޓްރީ ފޯރ ޕަބްލިކް ޕޮލިސީ އަލްއުސްތާޒް މުޙައްމަދު ފިރްޒުލްއަށް ވެސް ހަމަ މިދެންނެވި ސުވާލު އަމާޒުކުރެވުނެވެ. ނަމަވެސް ފިރްޒުލްވެސް ޖަވާބު ނުދެއްވައި ވާހަކައިގެ މިސްރާބް ބަދަލުކޮށްލެއްވީއެވެ.

މިހާރު އުފެދޭ ސުވާލަކީ އިންޑިއާ ސިފައިންގެ އަދަދު ކުރިން ބުނި އަދަދާއި ދިމާނުވަނީ ކީއްވެގެންތޯއެވެ؟ އޭރު ވެރިކަމަށް އަންނަން ވެގެން އަދަދު އޮޅުވާލީތޯއެވެ؟ ނުވަތަ އިންޑިއާ ސަރުކާރުގެ ނުފޫޒު ރާއްޖޭގައި މާބޮޑީތޯއެވެ؟ ނުވަތަ ސަރުކާރު ހިންގަން ތިއްބެވި ވެރިންގެ ކިބައިގައި މިބާވަތުގެ ކަންކަމާ ކުރިމަތިލައި ޙަޤީޤަތް ހާމަކުރުމުގެ ހިތްވަރު ނެތީތޯއެވެ.؟

ޤައުމީ ސަލާމަތާއިމެދު ސުވާލުކުރެވޭ މިންވަރަށް އިންޑިއާ ސިފައިންގެ ވާހަކަ ގެންގޮސްފައި އޮތުމުން އެކަމުގެ ޙަޤީޤަތް ރައްޔިތުން ބަލަން ބޭނުންވާނެއެވެ. ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ދިވެހި ޤައުމަށް ހެޔޮއެދޭ އެއްވެސް ދަރިއަކު ނޭދޭނެއެވެ.

ސިޔާސީ ގޮތުން ބޭނުންކުރާ ހަތިޔާރަކަށް “ޤައުމިއްޔަތު” ބޭނުންކުރުމަކީ ކޮންމެ ބަޔަކު ކުރިޔަސް ވަރަށް ދަށުދަރަޖައިގެ ކަމެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-