-Advertisement-

-Advertisement-

ސައްހަ ނޫން ޑޮލަރު ދައުރު ވަމުން އެބަދޭ : އެމް.އެމް.އޭ

ފޮޓޯ; ރާއްޖެ އެމްވީ

100 ޔޫއެސް ޑޮލަރުގެ ޞައްޙަނޫން ނޫޓު މިހާރު ދައުރުވަމުންދާތީވެ، އެކަން ޢާއްމު ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެމް.އެމް.އޭ ގެ ފަރާތުން ނޫސްބަޔާނެއް ނެރެފިއެވެ.

އެނޫސް ބަޔާނުގައިވާގޮތުން މި ނޫޓުތަކަކީ 1996 ން ފެށިގެން 2016 އާއި ދެމެދުގެ ތާރީޚްގެ ތެރޭގައި ޕްރިންޓްކޮށްފައިވާ، ހުދު ބޯރޑަރު ހިމެނޭ ޔޫއެސްޑޮލަރުގެ ނޫޓުތަކެކެވެ.

މިގޮތުން  އެފަރާތުން ޞައްޙަނޫން ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ ކަންތައްތައް ތިރީގައި މިވަނީއެވެ.

  • ޞައްޙަ ނޫޓާއި ތަފާތު ކަރުދާހެއްގައި ޕްރިންޓްކޮށްފައި ހުރުން.
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ކަނާއަތްފަރާތުގައި ފެންނަންހުންނަ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ހިމެނޭ ފެންމަރުކާ (ވޯޓަރ މާރކް) ޞައްޙަނޫޓާ ތަފާތުކޮށް ހުރުން.
  • ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ވައަތްފަރާތުން ފެންނަންހުންނަ “USA 100” ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ފެންނަންނެތުން.
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނެތުން.
  • ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބަރ ނެތުން.
  • ނޫޓުގެ ކަނާއަތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަރިކުރުމުން ކުލަ ބަދަލު ނުވުން.

ވީމާ، 100 ޔޫއެސް ޑޮލަރުގެ ހުދު ބޯރޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ޞައްޙަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއްފެނިއްޖެނަމަ، އެ އޮތޯރިޓީ އަށް ގެނެސް އެ ނޫޓެއްގެ ޞައްޙަ ކަން ޔަޤީން ކުރުމަށް ދަންނަވާފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-