ރަމަޝާންމަހުގެ ފަހަށް ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރައްވާނީ އެއްވެސް ޕާޓީއަކާއި ނުގުޅި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށް ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، ކާށިދޫ ދާއިރާއާއިމެދު އޭނާގެ ތަސައްވުރު ހާމަކުރައްވާފައެވެ. މިގޮތުން ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރުމުން ރައްޔިތުންގެ ބޭނުންތައް އިސްކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާކަމަށާއި ރައްޔިތުންނަށް ޚިދުމަތްކުރަން އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ހޯދުންކަމަށް އަލްހާން ވިދާޅުވިއެވެ.
ކާށީދޫ ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާއީދާއި ސަޕޯޓް އިންތިހާއަށް ބޭނުންވާކަން ހާމަކުރަމުން އަލްހާން ވަނީ އޭނާއާއި ގުޅި އިންތިޚާބު ކާމިޔާބުކުރުމުގެ މަސައްކަތަށް ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ދަޢުވަތު ދެއްވާފައެވެ.
އަލްހާން ފަހުމީ ވަނީ ކާށިދޫ ދާއިރާއަށް އޭނާ އިންތިޚާބު ވެއްޖެނަމަ، އެދާއިރާގެ ކޮންމެ ގޭބިސީއަކަށް މަހަކު -/1000 ޑޮލަރު ވައްދާނެ ކަމަށް ވަޢުދު ވެފައެވެ. އަލްހާން އަކީ ރާއްޖޭގެ ސިޔާސީ ދާއިރާގެ އިތުރުން އޮންލައިން ފޮރެކްސް ޓްރޭޑްގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ.
ނަމަވެސް އަލްހާންއާއި އޭނާގެ ޙިއްސާއޮންނަ ކުންފުނި ކިންގްސް ފޮރެކްސް ޓްރޭޑިންގ ކުންފުންޏާއި ދެކޮޅަށް ޤާނޫނާއި ޚިލާފް ސްކީމް ހިންގުމުގެ ތުހުމަތު އެމްއެމްއޭ އަދި މޯލްޑިވްސް ޕޮލިސް އިން ވަނީ ކޮށްފައެވެ. އަދި ޕޮލިހުން މިމައްސަލަ ތަޙުޤީގު ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.
ކާށިދޫ ދާއިރާގެ ގޮނޑި އެންމެ ފަހުން ކާމިޔާބުކުރެއްވި އަދި މިހާރުގެ ކާށިދޫ ދާއިރަގެ މަޖިލިސް މެންބަރުވެސް އިންތިޚާބު ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ކުރިމަތިލައްވައިގެންނެވެ.