އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ އިންޑިއާގެ މޯހަން ބާގަން އަތުން 1 -0 އިން މާޒިޔާ ކުރި ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފަށައިގެން މާޒިޔާއަށް ގިނަ ފުރުސަތުތަކެއް ލިބި ގިނަ ހަމަލާ ތަކެއް އުފެއްދި ނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށްވީ މޯހަން ބާގަން ގެ ގޯލްކީޕަރު އާރްޝް އަންވަރު އެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު 40 ވަނަ މިނިޓުގައި މާޒިޔާ އަށް ކާމިޔާބުކޮށް ދިނީ އަހުމަދު ރާއިފް (ހަންނަ) އެވެ. ގޯލު އޭރިއާ ބޭރުން ހަންނަ ކުރިއަށް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. ދެވަނަ ހާފުގައިވެސް ގިނަ ބޯޅަ ތަކެއް މާޒިޔާއިން ވަނީ ގޯލަށް އަމާޒުކޮށްފަ އެވެ. ނަމަވެސް އިތުރު ގޯލެއް ޖެހޭގޮތެއް ނުވި އެވެ.
މި މެޗަށް ނިކުތް އިރުވެސް މި ދެޓީމަށް އޮތީ މުބާރާތުގައި ކުރިޔަށް ދިޔުމުގެ ފުރުސަތު ގެއްލިފަ އެވެ. މޯހަން ބާގަން އިން މެޗަށް ގެނައީ އެމީހުންގެ ރިޒާވް ޓީމުގެ 13 ކުޅުންތެރިންނެވެ. މާޒިޔާއިންވެސް މެޗު ފަށާފައިވަނީ ގިނަ ބަދަލުތަކަކާއި އެކު އެވެ.މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާ ކޯޗް، މިލޮމީރް ސެސްލިޖާ (މިލޯ) ވަނީ މޯހަން ބާގަން އިން މުބާރާތަށް އިހުތިރާމް ނުކުރާ ކަމަށް ބުނެފަ އެވެ. އަދި މިލޯ ބުނީ މެޗުގައި ގިނަ ގޯލުތަކެއް ޖަހައި އެމީހުންނަށް ފިލާވަޅެއް ނަގައިދޭން މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެކަން އެގޮތަށް ނުވީ ކަމަށެވެ. މޯހަން ބާގަންގެ އެސިސްޓެންޓް ކޯޗް ކްލިފޯޑް މިރަންޑާ ބުނީ ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސްދޭ ކަމަށާއި ނަމަވެސް މިވަގުތު މޯހަން ބާގަން އަށް މުހިންމުވީ އެމީހުންގެ ލީގު ކަމަށެވެ. އަދި މެޗަށް ރިޒާވް ޓީމް ގެނައީ މުބާރާތަށް އިހުތިރާމު ނުކުރާތީ ނޫން ކަމަށް މިރަންޑާ ވަނީ ބުނެފަ އެވެ.
މާޒިޔާއިން އޭއެފްސީ ކަޕް އަނެއްކާވެސް މި ނިންމާލީ ގްރޫޕް ސްޓޭޖުންނެވެ. މީގެ ކުރިން މާޒިޔާ ކޯޗު ވަނީ އޭއެފްސީ ކަޕްގައި ރާއްޖެ ޓީމުތަކަށް ކުރިއަށްދެވޭނީ ވާދަވެރި ލީގެއް ރާއްޖޭގައި އޮވެގެން ކަމަށް ބުނެފަ އެވެ.