މާލެސިޓީގެ ހުސްވެފައިވާ މޭޔަރުގެ މަޤާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް އާއި ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ އާޒިމާ ޝުކޫރު އަދި ޕީއެންއެފްގެ ތާއީދާއެކު ނުކުނެވި ކުރީގެ ސީޕީ ހުސައިން ވަޙީދު ކެނޑިޑެންސީ ފޯމް ހުށަހަޅުއްވައިފިއެވެ.
އަންނަ މަހު 13 ގައި އޮންނަ ބައި އިލެކްޝަންގައި ވާދަކުރައްވާނެ ކަމަށް 5 ބޭފުޅަކު އިޢުލާން ކުރައްވާފައި ވެއެވެ. މިގޮތުން ކުރީގެ މޭޔަރ އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކޯލިޝަން ޕީޕީއެމް ޕީއެންސީއިން އާޒިމާ ޝުކޫރު، އިދިކޮޅު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް، ދަ ޑިމޮކްރެޓްސް ގެ ކެނޑިޑޭޓް ސައިފް، ރައީސް ޔާމީން އުފައްދަވާ އާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެނޑިޑޭޓް ހުސައިން ވަޙީދު އަދި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް ފުރަހަނި ޝުޢައިބް ވަނީ އިންތިޚާބުގައި ވާދަކުރައްވާކަން އިޢުލާންކޮށް ކެންޕޭން ފަށްޓަވާފައެވެ.
އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްގެ ކެންޕޭން ފެށުމުގެ ޖަލްސާ މިދިޔަ އާދީއްތަ ދުވަހުގެރޭ ވަނީ ބާއްވާފައެވެ. ޕީއެންއެފް އާއި ގުޅިވަޑައިގެންފައިވާ ކެނޑިޑޭޓް، ކުރީގެ ސީޕީ ހުސައިން ވަޙީދު ޕާޓީ ޓިކެޓްގައި ވާދަކުރައްވާނީ އަމިއްލަ ގޮތުންނެވެ. ޕީއެންއެފް އުފައްދަން ހުއްދަ ލިބިފައި ވިޔަސް އަދި ޕާޓީ އުފެއްދުމަށް އަދި ހުށަހަޅާފައެއް ނުވާތީވެ ޕާޓީ ޓިކެޓުގައި ކުރިމަތިލުމުގެ ފުރުސަތު އަދި ނުހުޅުވެއެވެ.
މާލެސިޓީ މޭޔަރުގެ އިތުރުން މާލެސިޓީ ކައުންސިލުގެ އިތުރު ހަތަރު ކައުންސިލަރުންގެ މަޤާމަށް މީހުން އިންތިޚާބުކުރުމަށް ވޯޓްލުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
.