ބިއުޓީ އެކްސްޕާޓުން ވިދާޅުވާ ގޮތުގައި ޔޫވީގެ ނުރައްކަލުން ހަންގަނޑު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްސަކޮށް ޒުވާން ކުދިން މިކަމަށް ސަމާލް ކަންދިނުމުން ހަންގަނޑު ޒުވާން ކަންމަތީ ދެމެހެއްޓުމަށް އެހީވެދެއެވެ.
ދިވެހި ރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަހެއްގައިވެސް އިރުގެ އަލި ލިބޭ ގައުމެއްކަމުން އަހަރުމެން ދިވެހީންނަކީ އަވީގައި ގިނަ ވަގުތު ހޭދަކުރާ ބައެކެވެ. އަތްވަކީ އޭގެ ޒާތުގައި ވިޓަމިން ޑީ ގިނަ އަދި ކަށިތަކަށް ކެލްޝިއަމް ފޯރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެއް ނަމަވެސް، އަވި ހަންގަނޑުގައި ޖެހުމުން އިރުގެ ޒަރިއްޔާއިން އަންނަ ނުރައްކާތެރި ޔޫވީ ރޭސް ނުވަތަ އަލްޓްރާ ވަޔަލެޓް ރޭސް ގެ ނުރައްކާ ހަންގަޑަށް ކުރެއެވެ. މި ނުރައްކާތެރިކަން ހަންގަނޑަށާއި ލޮލަށް އަސަރު ކުރުމުގެ އިތުރުން ކެންސާރު ފަދަ ބަލިތަކަށްވެސް މަގުފަހިވެއެވެ. އެގޮތުން، ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި މިފަދަ ޔޫވީ ރޭސްތަކުން ހަމަށްޖެހޭ ނޮން މެލެނޯމާ ކެންސާރ ތަކުގެ އަސްލަކީ ދިގު މުއްދަތަކަށް؛ އޭނާ ކުޑައިރު ނުވަތަ ޒުވާން އިރު، އިރުގެ އަވިން ހަށިގަނޑަށް އަސަރުކޮށްފައިވުމެވެ.
ޔޫވީ ގެ ނުރައްކަލުން ހަންގަނޑު ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންކަން
އެޗްޓީ ލައިފްސްޓައިލް ކިޔާ މަޖައްލާއަކަށް، ބޮޓްނަލް ނަމަކަށްކިޔާ ހަމާއި ބެހޭ ސްކިންކެއާރ އުފައްދާ ކުންފުންޔެއްގެ ފައުންޑާރ އަދި ސީއީއޯ ހިމާންގީ ދިރް، ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، “ސަންސްކްރީންއަކީ ކޮންމެ ދުވަހަކުވެސް ބޭނުންކުރަން ޖެހޭނެ އެއްޗެއްކަމުގައި ދެބަސް ވެވޭކަށްނެތް.. އަހަރެން ލަފާދެނީ ސްޕެކްޓަރަމްގެ ނިސްބަތް ބޮޑު، ޔޫވީ އަދި ޔޫވީބީ އިން ރަށްކާތެރި ކޮށްދޭ ސަންސްކްރީން” އެއް ބޭނުން ކުރުމަށެވެ.
މީގެ އިތުރުން އޭނާ ބުނިގޮތުގައި، ކޮންމެ އުމުރު ފުރައެއް ނަމަވެސް، ހަންގަނޑު ސާފުކޮށް ބެލެހެއްޓުމަށް ބޭނުންކުރަންވާނީ ހަންގަނޑަށް އޯގާތެރި ތެކެތިން ހެދިފައިވާ ޕްރޮޑަކްޓްތަކެވެ. “ޒުވާން ކުދިން، ހެނދުނު މޫނު ދޮންނަ ސައިބޯނި، މޮއިސްޗަރައިޒާ އަދި ސަންސްކްރީން ބޭނުން ކުރުން މުހިއްމެވެ. އަދި ރޭގަނޑު ނިދުމުގެ ކުރިން މޫނު ދޮވެ މޮއިސްޗަރައިޒް ކުރުން” ވަރަށް މުހިއްމުކަމެވެ.
މީގެ އިތުރުން ޒުވާން ކުދިން އަވީގެ ނުރައްކަލުން ރައްކާތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ގިނައިން ފެން ބުއިމާއި ހަންގަޑު އެކްސްފޯލިއޭޓް ކުރުންވެސް ވަރަށް މުހިއްމެވެ.
އެގޮތުން ދުވަސް ފަށާއިރުގައި މޫނު ރަނގަޅަށް ދޮވުމަށްފަހު، ސަންސްކްރީން އެއް އުނގުޅާށެވެ. މި ސަންސްކްރީންގައި ޓައިޓޭނިއަމް ޑައި އޮކްސައިޑް Titanium Dioxide ހުންނަންވާނެއެވެ. އެއަށްފަހު ވިޓަމިން ސީ ހިމެނޭ، ހަންގަނޑު މޮއިސްޓަރައިޒް ކޮށްދޭ ސިރަމް އެއް ހަންގަޑުގައި އުނގުޅާށެވެ. އަދި ނައިސިނަމައިޑް، ގްލައިކޯލިކް އެސިޑް ހުންނަ ސިރަމްއެއް މޫނުގައި އުނގުޅުމުން ހަންގަނޑުގެ ތާޒާކަން ދަމަހައްޓައިދޭން އެހީތެރިވެދެއެވެ.
ހަންގަޑު ރައްކާތެރިކޮށް ބެލެހެއްޓުމަކީ މީހާގެ ޒުވާންކަން އިތުރު ކޮށްދީ ނުރައްކާތެރި ހަމުގެ ބަލިތަކުން ރައްކާތެރި ކޮށްދޭ ކަމެކެވެ.