ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ބާއްވަން ނިންމީ ނޮވެމްބަރު 20ގަ އެވެ. މި މުބާރާތަށް ދުރާލާ ޓީމްތަކުން ތައްޔާރުވާން ފެށި އެވެ. ދިވެހި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ތަޖުރިބާހުރި މޮޅެތި ކުޅުންތެރިންނާއި، ބިދޭސީ ކުޅުންތެރިންނާއިއެކު ޓީމްތައް ވަރުގަދަކުރި އެވެ. އޭގެ ފަހުން މުބާރާތް ނޮވެމްބަރު 25 އަށް ފަސްކުރި ކަމަށް އަޑު ފެތުރުނެވެ.
އެންމެ ފަހުން ޑިސެމްބަރު ތިން ވަނަ ދުވަހު އެފްއޭއެމުން ނިންމީ މިމަހުގެ 10 ވަނަ ދުވަހު މި މުބާރާތް ބާއްވާށެވެ.
މުބާރާތް ބޭއްވޭނެ ގޮތެއް ހޯދަން އެފްއޭއެމުން އެންމެފަހުން “ސަލާން ޖަހަން” ޖެހޭ ހިސާބަށް ދިޔަ އެވެ. އެފްއޭއެމުން ވަނީ ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ހަވާލުކޮށްގެން މުބާރާތް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބުނުވެ މުބާރާތް ބޭއްވޭނެތޯ އުފެދިފައިވާ ސުވާލުގެ ތެރޭގައި ހާލަތު އެހެން އޮއްވައި، ބުރު ސްޕޯޓްސް ކްލަބް އާއި އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނިޒާމްބެ މި ވަނީ ހިލޭ ސާބަހަށް ދެ ވަނަ ޑިވިޝަން މުބާރާތް ހިންގައިދޭން އެއްބަސްވެފަ އެވެ. އެހެންނަމަވެސް މާލީ ގޮތުން ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މުވައްޒަފުންގެ މުސާރަވެސް ނުދެވި އޮތް އެފްއޭއެމުން އަނެއްކާވެސް މުބާރާތް ފަސްކުރިކަން އިއުލާންކުރި އެވެ. އެކަމަކު މިފަހަރު ބާއްވާނެ ދުވަހެއް ކަނޑަނާޅަ އެވެ.
މުބާރާތް ބޭއްވުން ލަސްވާތީ ކުލަބުތަކަށް ދިމާވަމުން އަންނަ އުނދަގޫތަކުގެ ސަބަބުން ދެވަނަ ޑިވިޝަނުގައި ވާދަކުރާ ކުލަބުތަކުން ނިންމީ ސްޕޯޓްސް މިނިސްޓަރުގެ އަރިހަށް ދާށެވެ. މިގޮތުން މެޖޯރިޓީ ކުލަބުތަކުން ވަނީ މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)އާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. މި ބައްދަލުވުމަށްފަހު މިނިސްޓަރު ވިދާޅުވީ ދެ ވަނަ ޑިވިޝަން ޓީމުތަކުގެ ކަންބޮޑުވުންތައް އަޑުއަހާފައިވާ ކަމަށާއި މި ކަމުގައި މިނިސްޓްރީ އަށް ކުރެވޭނެ ކަންކަން ބަލަމުން އަންނަ ކަމަށެވެ. މި މުބާރާތް ބޭއްވުމާ ގުޅޭގޮތުން ކުޅިވަރު މިނިސްޓްރީ އާއި އެފްއޭއެމްއާ ދެމެދު މަޝްވަރާތައްވެސް އަންނަނީ ކުރެވެމުންނެވެ.
އެފްއޭއެމްގެ ދެވަނަ ޑިވިޝަން މުބާރާތް ދިގުލައިގެން ދިޔުމަކީ ކުލަބުތަކަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެކަމެކެވެ. ކުލަބުތަކުން ކުޅުންތެރިންނާއިއެކު ކޮންޓްރެކްޓް ހަދާފައިވަނީ ޑިސެމްބަރު މަހާ ހަމައަށެވެ. މި މުބާރާތް ދިގުލައިގެން ގޮސްފިނަމަ ޓީމްތަކަށް ގެނެސްފައިތިބި ބިދޭސީ ކުޅުންތެރިންނަށްވެސް އިތުރު ހޭދައެއް ކުރަން ޖެހޭނެ އެވެ.
އެފްއޭއެމްގެ މައްސަލައިގައި ކުލަބުތަކުން މިނިސްޓަރާ ބައްދަލުކުރި ނަމަވެސް މި މުބާރާތް އަވަސްކުރުމަށް މިވަގުތަށް އެ އިދާރާއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ސަބަބަކީ މާލީގޮތުން އުނދަގޫ ހާލަތެއްގައި އޮތް އެފްއޭއެމަށް މާލީ އެހީތެރިކަން ފޯރުކޮށްދެވެންވެސް ނެތުމެވެ. އެފްއޭއެމަށް ދޭން ޖެހޭ 2023ގެ ބަޖެޓު ވަނީ އެއްކޮށް ދީ ނިންމާފަ އެވެ. އަނެއްކޮޅުން އެ އިދާރާއަކީ ކުޅިވަރު އެސޯސިއެޝަންތަކުގެ މުބާރާތްތައް ހިންގައިދޭ ބަޔެއް ނޫނެވެ. އެއީ މިނިސްޓްރީގެ މެންޑޭޓްގައިވެސް ހިމެނޭ ކަމެއް ނޫނެނެވެ.