މިދިޔަ ހަފްތާގެ ތެރޭގައި މީޑިއާގައި އެންމެބޮޑަށް ދެކެވުނު އެއް ވާހަކައަކީ ކޮރަޕްޝަނާއި ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ ޙަރަކާތްތަކުގެ ވާހަކައެވެ. އެންޓިކޮރަޕްޝަން ދުވަހާގުޅޭ ލިޔުންތައް ބަލަމުންދަނިކޮށް އަޅައިގަތީ ސުރުޚީއެކެވެ. “ކޮރަޕްޝަނާކީ ދިވެހިން ވަރަށް ބީރަށްޓެހި ސިފައެއް” މިމާނަ ދޭހަވާ ލިޔުމެކެވެ. ލިޔުން އިތުރަށް ކިޔާލުމުން އެނގުނީ މިއީ ކޮރަޕްޝަނާއި ދެކޮޅު ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ރަސްމީ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ވާހަކައެއްކަމެވެ.
މިހާރުގެ ދިވެހިންގެ ސަޤާފަތާއި އުޅުމަށް ވިސްނާލިއިރު މިއީ ކަން އޮތް ގޮތެއް ނޫނެވެ. މީގެ 30ހަކަށް އަހަރު ކުރިން އޮތް ސަޤާފަތަކަށް ނުވިޔަސް މިހާރު ދިވެހިރާއްޖޭގައި އެންމެ ގިނަމީހުން، އެއްބަސް ނުވިޔަސް އެންމެ ގަޔާވާ އުސޫލަކީ ކޮރަޕްޝަނެވެ. އަބަދުވެސް ނަންވާނީ ވެރިމީހާ ނުވަތަ ކުރީ ސަރުކާރުތަކެވެ. ނަމަވެސް ކަންކަމާމެދު ވިސްނާލުމުން އެނގެނީ ކޮރަޕްޝަނަކީ ޤައުމުގެ މަތީ ފަޑީގައި އެކަނި ހުރި ކަމެއް ނޫންކަމެވެ.
ޤައުމެއް، ޖަމާޢަތެއް ނުވަތަ އުސޫލުތަކާއި ޤަވާއިދުތަކެއްގެ މައްޗަށް ހިނގާ ކޮންމެ ތަނެއްގެ ޙަޤީޤީ ދުޝްމަނަކީ ކޮރަޕްޝަނެވެ. ވިޔާފާރިއަކަސް އިދާރާއަކަސް އެތަނެއްގެ ހަލާކުވެގެން ދިޔުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރާނީ ކޮރަޕްޝަނެވެ. މީގެ ކުރީގައި ހަލާކު ކުރެއްވި ހުރިހާ އުންމަތްތަކުގައިވެސް އެއްވައްތަރު ސިފައަކަށް ހުރި އެއްކަމަކީ އެ އުންމަތްތަކެއްގެ މީހުންގެ ދިރިއުޅުމުގެ ކަންކަން “ކޮރަޕްޓް” ވެފައި ހުރި މިންވަރެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އަމިއްލަ ސަޤާފަތަކާއި ޤަވާއިދުތަކެއް ގެންގުޅޭ ފަޚުރުވެރި ބަޔެކެވެ. އެކި ދުވަސްވަރު ޤައުމަށް ކުރިމަތިވި ބޮޑެތި މައްސަލަތައް ތަފާތެވެ. ނަމަވެސް މިހާރުގެ ދިވެހި މުޖުތަޖަމަޢަށް ކުރިމަތިވެފައި ހުރި ގިނަ މައްސަލަތަކެއްގެ ޙަޤީޤީ ސަބަބަކީ ކޮރަޕްޝަނެވެ. ޢާއްމު ފަރުދުން ކޮރަޕްޝްގެ ޢަމަލުތަކަށް ދޭ ހިތްވަރެވެ. މިދެންނެވި ކަންކަމަކީ އެންމެންވެސް ދަންނަ އެކަމަކު ނުދައްކާ ވާހަކައެކެވެ.
ބިދޭސީންގެ މައްސަލަ
ރާއްޖޭގައި ހައްލުކުރަން އެންމެ އުނދަގޫވެ ހައްލުނުކުރެވި އޮތް ބޮޑު އެއް މައްސަލައަކީ ބިދޭސީންގެ މައްސަލައެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އާބާދީގެ %50 އާއި ގާތްކުރެއެވެ. މީގެތެރެއިން ގިނައީ ޤަވާއިދާއި ޚިލާފަށް އުޅޭ މީހުންނެވެ. މީކިހިނެތް ވީ ކަމެއްތޯ ބަލާލަންޖެހެއެވެ. ކޮންމެ ޤައުމަކަށްވެސް އެހެން ޤައުމެއްގެ ރައްޔިތުންނަށް އެތެރެވެވެނީ ވަކި އުސޫލެއްގެ ދަށުންނެވެ. އުޅެވެނީ ވަކި ޤަވާއިދުތަކެއްގެ މަތީންނެވެ.
ދިވެހިރާއްޖެއަށް ބިދޭސީން އެތެރެ ކުރަނީ ދިވެހި ވިޔަފާރިއެއްގެ ކޯޓާގައެވެ. ބިދޭސީން ރާއްޖެ އަންނަނީ އެމީހުންނަށޤ ވަޒީފާދޭ މީހާއަށް ގިނައަދަދަކަށް ފައިސާ ދީގެންނެވެ. ބިދޭސީން އެތެރެކުރުމަށްފަހު ދުވަސްކޮޅަކުން އެމީހުން ފިލައިފިކަމަށް ރިޕޯޓް ކުރަނީއެވެ. މިގޮތަށް ކަންތައް ކުރަނީ އިމިގްރޭޝަނުން އިތުރު ކޯޓާ ހޯދުމަށެވެ. އިމިގްރޭޝަނުގައި މަސައްކަތްކުރާ މުވައްޒަފަކާއި ވާހަކަދެކެވި ދެފަރާތަށްވެސް ފައިދާވަގޮތަށް ފައިސާ ބަހާލެވޭ ގޮތަށް އަލުން އަނެއްކާ ކޯޓާ ހޯދަނީއެވެ. އަދި މި “ޕްރޮސެސް” ތަކުރާރު ކުރަނީއެވެ.
ދިވެހިރާއްޖޭގައި ބިދޭސީން ރާއްޖެ ގެނައުމުގެ ވިޔަފާރި ކޮށްގެން މަހުޖަނުންނަށް ވެފައިތިބި މީހުން އެބަތިއްބެވެ. މިކަމުގައި ބައިވެރިވާ، ރާއްޖޭގައި ދިރިއުޅޭ ގިނަދުވަސްވީ ބިދޭސީން އެއްބައިވެއެވެ. ރާއްޖޭގައި ވަޒީފާއަދާކުރަން އަންނަ މީހާ ދޭ ފައިސާއިން އޭނާއަށް ވެސް އެއްބައި ލިބޭތީއެވެ.
ކޮންމެ ސަރުކާރަކުން މަސައްކަތް ކުރިއަސް މިމައްސަލަ ހައްލުކުރެވޭ ހެއްޔެވެ؟ ކޮރަޕްޝަން ބޮޑުވެގެން ސަރުކާރާ ނުރުހިގެން ވެރިކަން ވައްޓަން މުޒާހަރާކުރަން ނުކުންނަ މީހާއަކީ މިދެންނެވި ކަންކަމުން މާލީ ފައިދާ ހޯދާ މީހެކެވެ.
މަޝްހޫރު “ގަރާޖް ސިޓީ”
މިދިޔަ ވެރިކަމުގައި އެންމެ ގަދައަށް ދެކެވުނު އެއްވާހަކައަކީ “ގަރާޖް ސިޓީ” އެއްގެ ވާހަކައެވެ. ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރާއްޖެ ގެނެސް ރަޖިސްޓްރީ ކުރުމަށް ގަރާޖެއް ހުންނަން ޖެހެއެވެ. މާލެ ސިޓީގައި ކޮންމެ ގެޔެއްގައި ގަރާޖެއް ނުހުރެއެވެ. ގަރާޖެއް ހަދާނެ ތަންކޮޅެއް ލިބެނީ އެހާ އަގުބޮޑުކޮށެވެ. ދިވެހީން މިކަމަށް ހޯދި ހައްލަކީ ގަރާޖެއް ހުރިކަމުގެ ސިޓީ ގޭގޭގެ ވެރިން އަތުން ހޯދުމެވެ. ގެޔެއްގައި ހުރި އެންމެ ގަރާޖަކަށް 500 އަށް ވުރެ ގިނަ “ގަރާޖު ސިޓީ” ގޭގެ ވެރިފަރާތުން ދޫކުރުމެވެ. ގޭގެ ވެރި ފަރާތަށް ފައިސާ ދިނުމުން ސިޓީ ލިބެއެވެ. މިނިސްޓްރީއިން އިންސްޕެކްޓް ކުރާ މުވައްޒަފަށް ފައިސާ ދިނުމުން އެގޭގެ ނަމުގައި ކުރިން ގަރާޖު ދޫކޮށްފައި އޮތްއޮތުން މައްސަލައަކަށް ނުވެއެވެ.
ނަތީޖާއަކަށްވީ ހާހުން ގުނާލެވޭވަރަށް އުޅަނދުތައް ޤަވާއިދުން ބޭރުން ރަޖިސްޓްރީ ވެގެނެ ދިޔުމެވެ. މަގުތަކަށް ނުކަތާވަރަށް އުޅަނދުތައް ގިނަވެގެން ދިޔުމެވެ. ކޮރަޕްޝަނާއި ދެކޮޅު، ކޮރަޕްޓްކަމަށް މަޝްހޫރު މީހުންނަށް ފާޑުކިޔާ މީހާއަށްވެސް މުހިއްމުވީ ފައިސާ ކޮޅެއް ދީގެން ކާރު ރަޖިސްޓްރީ ކޮށްލުމެވެ. މިނިސްޓްރީގެ މުވައްޒަފަށްވެސް ރަނގަޅީ އުސޫލުން ބޭރުވިޔަސް ގަނޑުކޮށް ލިބޭ ފައިސާކޮޅެވެ.
ކޮވިޑް-19 ވިޔަފާރި އެހީ
އެހާ ކުރިއެއްވެސް ނޫނެވެ. މިފަހަކަށް އައިސް ޤައުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް19ގެ ވަބާއެވެ. މީހުންގެ ވަޒީފާ ގެއްލި ވިޔަފާރިތައް ބަނގުރޫޓްވީއެވެ. ކޮވިޑް-19 ގެ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އެހީވާން ފެށިއެވެ. ގޭގޭގައި މަސައްކަތްކުރާ މީހުންނަށް އެހީދޭން ފެށިއެވެ. އެންމެންވެސް ފައިސާގެ އެހީ ބޭނުންވާނެތާއެވެ. ނަތީޖާއަކަށްވީ ރަށްރަށުގެ ކައުންސިލުތަކުގައި އެދިގެން “ހެދިކާ ހަދައި ވިއްކުން” ފަދަ މަސައްކަތް ކުރާ މީހެއްގެ ލިޔުން ހޯދައިގެން ސަރުކާރުގެ އެހީއަށް ހުށަހެޅުމެވެ.
ކޮވިޑް-19 ގެ ދުވަސްވަރު ދީފައިވާ އެހީގެ ރިކޯޑްތަކަށް ބަލާލުމުން ފާހަގަ ކުރެވޭނެ އެއްކަމެއް އޮންނާނެއެވެ. ރަށެއްގެ އާބާދީގެ %40 އަށްވުރެ ގިނަ މީހުންނަކީ ހެދިކާހަދައިގެން ވިއްކާ މީހުންނެވެ. އެހީ ހޯދަންވީމަ، މަސައްކަތް ނުކުރިޔަސް “ދޮގު” ލިޔުން ހޯދުން “އޯކޭ” ވީއެވެ. ކައުންސިލްތަކުގެ ވެރިންނާއި މުވައްޒަފުންނަށްވެސް އާޢިލާ ނުވަތަ ރައްޓެއްސެއްގެ ޢާއިލާ މީހެއް އައީމާ އިންކާރުކުރަން ނުކެރުނީއެވެ. އެ މުވައްޒަފުގެ ޖީބުން ދޭ ފައިސާ ނޫންވީމަ މައްސަލައަކަށް ނުވީއެވެ.
މިސާލު ދައްކަން ވެއްޖެނަމަ މިސާލު ހުސްނުވާހާ ގިނައޭ ބުނުން ދޮގަކަށް ނުވާނެއެވެ. ކޮންމެ ދާއިރާއަކަށް ބަލާލިޔަސް ފެނިގެންދަނީ އާންމު ރައްޔިތުން، ހެދިފައިވާ އުސޫލުން ބޭރުން ފަސޭހަގޮތަކަށް ބޭނުންވާ ކަމެއް ކުރަން އުޅޭތަނެވެ. އިދާރައަކަށް ޚިދުމަތެއް ހޯދުމަށް އެދެމުން ފުރަތަމަވެސް ބަލާނީ އެއިދާރާގައި ދަންނަ ރައްޓެއްސެއް އުޅޭތޯއެވެ. ކޮފީއަކުން ޚިދުމަތް އަވަސްކުރުމުގެ ވާހަކަދައްކައިގެން ބޭނުންވާ ކަންތައް އަވަސް ކޮށްލުމެވެ. ވަޒީފާއެއް ހޯދަން ފޯމެއް ހުށަހެޅިޔަސް ހަމަ މިއުސޫލެވެ. އިސްމަޤާމެއްގައި ހުރި ދަންނަ މީހަކާއި ވާހަކަދައްކައިގެން ވަޒީފާ ހަމަޖެއްސުމެވެ. ޝަރުތު ފުރިހަމަ ނުވިޔަސް ހެވެވެ.
ދިވެހީންގެ ސަޤާފަތާއި ގުޅިފައި މިހުރި އާދަތަކަކީ ކަށީގައި ހިފާފަހުރި އާދަތަކެކެވެ. ނަމަވެސް އަބަދުވެސް ނަންވަނީ ސިޔާސީ މީހުންނެވެ. ފައިސާއަށް ވޯޓް ވިއްކާލާ އާންމު މީހާ ދައްކާނީ ވެރިމީހާގެ ވާހަކައެވެ. ވެރިމީހާ ކޮރަޕްޝަން ހިންގަނީއެވެ. ވެރިމީހާގެ މިނިސްޓަރުން ކޮރަޕްޝަން ހިންގަނީއެވެ. ނަމަވެސް ޙަޤީގަތަކީ ކޮރަޕްޝަން ދިވެހިންނަށް ކަމުދާކަމެވެ. އެއާއި ނުލާ ދިރިއުޅެން އުނދަގޫވެފައިވާ ކަމެވެ.