ރާއްޖެ އާއި އިންޑިއާއާ ދެމެދު އެއްބަސްވެވިގެން ކުރިއަށް ގެންދަމުންދާ ރާއްޖޭގެ ހައިޑްރްގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުން އާ ނުކުރާނެކަން އިންޑިއާސަރުކާރަށް މިހާރު އަންގާފައިވާ ކަމަށް ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.
ފިރްޒުލް ވިދާޅުވީ މިއީ ބޭރު ގައުމުތަކާ އެކު ހަދާފައި ހުރި، ގައުމީ ސަލާމަތަށް ނުރައްކާ ފަދަ އެއްބަސްވުންތައް އުވާލުމާ ގުޅޭ ވައުދުގައި ހިމެނޭ ކަމެއް ކަމަށެވެ. މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ އަމާޒުތައް ހިމެނޭ “ހަފްތާ 14″ ގެ ފުރަތަމަ ހަތަރު ހަފްތާގައި ކުރުމަށްކަނޑައަޅާފައިވާ ކަންކަމުގެ ތަފްސީލް ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައިއެވެ،
މި އެއްބަސްވުން ހަދާފައި އޮތީ ޖޫން 7، 2024 ގައި މުއްދަތު ހަމަވާ ގޮތަށް ކަމަށާއި މި އެއްބަސްވުން އާކުރަން ބޭނުން ނުވާ ނަމަ އޭގެ ހަ މަސް ދުވަހުގެކުރިން އަންގަންޖެހޭ ކަމަށް ވެސް ފިރްޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން ފިރްޒުލް ވިދާޅުވީ މި އެއްބަސްވުން އާ ނުކުރަން ނިންމީރާއްޖޭގެ ކަނޑުފަޅުގެ ސިއްރުތައް ހިފެހެއްޓުމަށް ކަމަށާއި މިފަދަ ސާވޭތައް ކުރުމުގެގާބިލްކަން އެމްއެންޑީއެފްގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.