ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޕް28 ސަމިޓްގައި ބައިވެރިވެލެއްވުމަށް ދުބާއީ އަށް ކުރެއްވި ދަތުރާއި އެދަތުރު ނިންމަވާލެއްވުމަށްފަހު ތުރުކިޔެ އަށް ކުރެއްވި ދަތުރަށް ޖުމްލަ 3،489،165.12 ރުފިޔާ ޚަރަދު ކޮށްފައިވާކަން ހާމަވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދަތުރު ނިންމަވާލައްވުމަށްފަހު ރާއްޖެ އެނބުރިވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަތުރެއް ނިންމަވާތާ 15 ދުވަސްތެރޭ އެދަތުރެއްގެ ޚަރަދުތަކެއް ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ އިސް ވެރިން ހިމެނޭގޮތަށް 22 އަށްވުރެ ގިނަ ބޭފުޅުންގެ ވަފުދެއް ބައިވެރިވެލެއްވި މި ދަތުރުތަކުގެ ޓިކެޓް ޚަރަދަށް އެކަނިވެސް 2.4 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވި ގޮތުގައި ތުރުކިޔެގައި ހޭދަވި ދުވަސްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ވަފުދުގެ ހުރުމާއި ކެއުން އަދި އެތެރޭގެ ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސަވައިދެއްވީ ތުރުކިޔެ ސަރުކާރުންނެވެ. ތުރުކިޔެ ދަތުރުގައި ޕޮކެޓްމަނީއަށާއި އިންސިޑެންޓަލް ޚަރަދުތަކަށް 259،376.80 ޚަރަދުކޮށްފައިވެއެވެ.
ދުބާއީ ދަތުރުގައި ރާއްޖޭގެ ވަފުދުގެ 10 ބޭފުޅެއްގެ ކެއުމާއި ހުރުމުގެ ޚަރަދު ޔޫއޭއީ ސަރުކާރުން ހަމަޖެއްސެވިއިރު ރައީސްއޮފީހުން ޚަރަދުކޮށްފައިވަނީ 775،232.72 ރުފިޔާއެވެ.