ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 2024 މަޖިލިސް ޕްރައިމަރީއަށް ހުޅުވާލައިފިއެވެ.
އަންނަ ރަމަޟާން މަހުގެ ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން 25 ޑިސެމްބަރުގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށް ޕާޓީއޮފީހަށް ފޯމް ހުށަހަޅާން ޖެހެއެވެ. ދާއިރާއަކަށް އެއްފަރާތަށް ވުރެ ގިނަ ފަރާތުން ކުރިމަތިލާނަމަ އެދާއިރާއެއްގެ ޕްރައިމަރީ ބާއްވާނީ އަންނަ މަހު 20 ނުވަތަ 27 ގައެވެ.
2019 ވަނައަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީއިން ވަނީ ވަރަށް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި ޖެހުނު މައްސަލަތަކެއްގައި އެޕާޓީއިން ވަކިވެގެން މެންބަރުންތަކެއް ދިޔުމުން މިހާރު ތިބި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީ 55 އެވެ.
އެމްޑީޕީއަށް 2024 ގަ ބޭއްވޭ މަޖިލިސް އިންތިޚާބަކީ ވަރަށް މުހިއްމު އިންތިޚާބެކެވެ. އެޕާޓީ ވަނީ އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުން ޕީއެންސީއާއި ވަދަކޮށް ބަލިވެފައެވެ.