އެމެރިކާއިން އިސްނަގައިގެން ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަން އަށް ނިސްބަތްކޮށް، ހޫތީންގެ ޑިފެންސް މިނިސްޓަރ ހޫނު ރައްދެއް އެމެރިކާއަށް ދީފިއެވެ.
ހޫތީން ރަތްކަނޑު ޚިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެމެރިކާ އަދި އިތުރު 10 ޤައުމެއް ހިމެނޭހެން ފެށި މި އޮޕަރޭޝަން އަށް އިޝާރާތްކޮށް ހޫތީންގެ ދިފާޢީ ވަޒީރު ވަނީ ރަތް ކަނޑު އެމެރިކާ ސިފައިންގެ ޤަބުރުސްތާނަކަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ މަނަވަރުތައް ޣަރަގު ކޮށްލެވޭވަރުގެ ހަތިޔާރު ޔަމަނުގައި އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
ޢަރަބި ބައެއް ޤައުމުތަކުން އެމެރިކާއާއި އެއްބަސް ކިޔުމުން އެކަމަށް ރައްދެއްގެ ގޮތުން ބަހްރެއިންގެ ރަސްގެފާނު ވެރިކަމުން ބޭލުމަށްވެސް ބަޙްރެއިންގެ ސުންނީ އަދި ޝީޢާ މުސްލިމުންނަށް ހޫތީ ދިފާޢީ ވަޒީރު މުހުސިން މުޙައްމަދު އަލް ދާއިރީ ގޮވާލެއްވިއެވެ.