މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށާއި މިސަރުކާރަކީ މަރުގެ ހުކުމް ތަންފީޒް ކުރަން ނިންމައިގެން އައި ސަރުކާރެއް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން މަރުގެ ޙުކުމް ތަންފީޒް ކުރާނެ ކަމަށެވެ.
ރާއްޖޭގައި 4 މީހެއްގެ މައްސަލަ މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާގައި އެބައޮތެވެ. އެއީ މ. ފެއާރީކޯނާ، އަލީ ޝިފާން މަރާލި މައްސަލައިގައި މަރަން ޙުކުމްކުރި މުހައްމަދު ޝައިފަން އާއި ޑރ. އަފްރާޝީމް މަރާލި މައްސަލާގައި މަރަން ހުކުމް ކުރި ހުސެއިން ހުމާމް އަހުމަދު އާއި ސ. ހުޅުދޫ، ލިލީމާގޭ، އަބްދުﷲ ފަރުހާދު މަރާލި މައްސަލާގައި މަރަން ޙުކުމްކޮށްފައިވާ މުހައްމަދު ނަބީލް އަދި ޤާނޫނީ ވަކީލު އަހުމަދު ނަޖީބު މަރާލި މައްސަލާގައި މަރަން ޙުކުމްކުރި އަހުމަދު މުއްރަތު އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައިވެސް މަރުގެ ޙުކުމް ތަންފީޒު ކުރަން މަސައްކަތްތަކެއް ކުރެވުނެވެ. އެގޮތުން ދަންޖެއްސުމުގެ ބަދަލުގައި “ލީތަލް އިންޖެކްޝަން” އެއް ޖަހައިގެން ޙުކުމް ތަންފީޒް ކުރުމަށް މަސައްކަތްތަކެއް ކުރެވުނެވެ. ނަމަވެސް އެމަސައްކަތް ހުއްޓުނު ގޮތަށް އެގޮތުގައި އޮތީއެވެ.