2021 ވަނަ އަހަރުގެ ސީޒަނަށް ފަހު ޕްރޮފެޝަނަލް ފުޓުބޯޅައިން ރިޓަޔާ ކޮށްފައިވާ މަޝްހޫރު ފުލްބެކް މުހައްމަދު ރަޝީދު (ހޮކޭ), ރިޓަޔަމެންޓުން އެނބުރި އައިސް މަސްއޮޑި ސްޕޯރޓްސް ކަލްބަށް ސޮއި ކޮށްފި އެވެ. ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކުޅޭ މަސްއޮޑިއަށް ހޮކޭ ސޮއިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ރޭ ބޭއްވި ހަފްލާއެއްގަ އެވެ.
ހޮކޭ އަކީ ރާއްޖޭގެ މަތީ ފަންތީގެ ފުޓުބޯޅައިގައި, ރާއްޖޭގެ ގިނަ ކްލަބް ތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
ރ. އަލިފުއްޓަށް އުފަން ހޮކޭ އެންމެ ފުރަތަމަ ގަލޮޅު ދަނޑުން ފެނިގެން ދިޔައީ ނިއުރޭޑިއެންޓް ޖާޒީގަ އެވެ. ނިއުއަށް ކުޅުމަށްފަހު, ހޮކޭ ވިދާލީ 2009 ވަނަ އަހަރު ވިކްޓްރީ ސްޕޯރޓްސް ކްލަބް އިންނެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ވެލެންސިއާ އަދި މާޒިޔާ އަށް ކުޅެފައިވާ އިރު, 2014 ވަނަ އަހަރު އެނބުރި ނިއުރޭޑިއަންޓަށް ގޮސް ހޮކޭ ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް ނިއުއާއި އެކު ކާމިޔާބުކޮށްފަ އެވެ. ނިއު ދޫކޮށްލުމަށްފަހު ހޮކޭ ވަނީ ދަ ގްރާންޑޭ އަދި ސުޕަ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އަށް ކުޅެފަ އެވެ. ހޮކޭ ޕްރޮފެޝަނަލް ކެރިއަރު ނިންމާލީ 2021 ވަނަ އަހަރުގެ ސީޒަން ސަސްގައި ކުޅުމަށްފަހު އެވެ. މީގެ އިތުރުން ހޮކޭ ވަނީ ގައުމީ ޓީމަށް 30 އަށް ވުރެ ގިނަ މެޗު ކުޅެ 1 ގޯލް ޖަހާދީފަ އެވެ.
ހޮކޭ ނިއުސްލެބް އަށް މައުލޫމާތު ދިން ގޮތުގައި, މިއީ ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށުން ނޫންކަމަށް ބުނެފައިވެ އެވެ.އަދި މިއީ މަސްއޮޑިއަށް ދެވަނަ ޑިވިޝަން މުބާރާތް ކާމިޔާބު ކޮށްދޭން ކޮށްދޭ ކަމެއްކަމަށް ވެސް ޓީމުގެ ކެޕްޓަންބޭންޑާއި ހަވާލުވެހުރި ހޮކޭ ބުންޏެވެ.
މި މަހު 26 ގަ ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މަސްއޮޑި ސ.ކ ބައްދަލުކުރާނީ މަހިބަދޫ ސ.ކ އާއި އެވެ.