ރާއްޖޭގައި ހިންގަމުން ގެންދާ ނޫސްމަޖައްލާތަކެއް ބްލޮކް ކުރުމާއި ގުޅިގެން ސަރުކާރު ހޫނުފެނަށް ވެއްޓިފައި އޮއްވާ މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ސަރުކާރުގެ ޢަމަލާއި ދެކޮޅަށް ބަސަ ބުނެފިއެވެ.
މީޑިއާ ކައުންސިލުގެ “އެކްސް” ހެންޑަލްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސަރުކާރުގެ މިޢަމަލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް ކަމަށެވެ. ޤާނޫނު ނަންބަރު 15/2008 “މޯލްޑިވްސް މީޑީއާ ކައުންސިލުގެ ޤާނޫން” އާއި ހަވާލާދީ މީޑިއާ ކައުންސިލުން ބުނެފައިވަނީ ރަޖިސްޓްރީނުކޮށް ހިންގާ ނޫސްމަޖައްލާ އަދި ވެބްސައިޓް ތަކަކީ ވެސް “މީޑިއާ” ކަމުގައި ޤާނޫނުން މާނަކޮށްދޭ ކަމަށެވެ.
މޯލްޑިވްސް މީޑީއާ ކައުންސިލުގެ ޤާނޫނުގެ 36 ވަނަ މާއްދާގައި “މީޑިއާ” މާނަ ކޮށްފައިވަނީ،
“މީޑިއާ” ކަމަށް ބުނެފައިއެވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަޢުލޫމާތާއި، ޚަބަރާއި، ޚިޔާލާއި، އިޝްތިހާރު، ޢާންމުކޮށް ފެތުރުމަށްޓަކައި ގަންނަންލިބޭގޮތަށް، ނުވަތަ އަގަކާނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް ޝާއިޢުކުރެވޭ ޝާއިޢުކުރުންތަކަށެވެ.
ސަރުކާރުން ބްލޮކް ކޮށްލާފައިވާ “ކުރުސީ ޑޮޓްކޮމް” އަދި “ދިޔަވަރު” ނޫހުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް އެކައުންސިލަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާއިރު، އުސޫލުން ބޭރުން ވެބްސައިޓްތައް ބްލޮކް ކުރުމަކީ އެކައުންސިލުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް މީޑިއާ ކައުންސިލުގެ ޕޯސްޓްގައި ވެއެވެ.
“ކުރުސީ ޑޮޓްކޮމް” އަދި “ދިޔަވަރު” ނޫހުގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އޮންލައިން ނޫހެއްކަމަށްވާ “ފުރަތަމަ” ނޫސް ވެސް ސަރުކާރުން ވަނީ ބްލޮކް ކޮށްލާފައެވެ. ބްލޮކް ކޮށްފައިވާ މި ވެބްސައިޓް ތަކަކީ ސަރުކާރަށް ފާޑުކިޔާ ނޫސްތައްކަން ފާހަގަކޮށްލެވެއެވެ.