މިހާރު ކުރިއަށްދާ 10 ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ބާކީ މެޗުތަށް އަންނަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ކުޅޭ ގޮތަށް ނިންމައިފި އެވެ.
މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މި މުބާރާތް ކުރިއަށް ގެންދަން އުނދަގޫވެ ގިނަ މެޗުތަކެށް ވަނީ މީގެ ކުރިންވެސް ފަސްކޮށްފަ އެވެ. މުބާރާތް ފަހުގެ ތާރީހަކަށް ލަސްކުރީ ވިއްސާރައިގެ އިތުރުން މުބާރާތުގައި ކުޅޭ ބައެއް ގިނަ ކުޅުންތެރިން ރަށް ރަށުގައި ކުރިއަށްދާ ހޭންޑްބޯޅަ މުބާރާތްތަކަށް ދާން ޖެހިފައިވާތީ އާއި ޗުއްޓީއަށް ރަށްރަށް ދާން ބައެއް ކުޅުންތެރިން ކުރީބައިގައި ޓިކެޓް ނަގާފައިވާތީ ކަމަށް މައުލޫމާތު ލިބެ އެވެ.
އެންމެ ފުރަތަމަ ހޭންޑްބޯޅަ އެސޯސިއޭޝަނުން ނެރުނު ޝެޑިއުލްގައި ވާގޮތުނަނަމަ މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތަށް މި މަހު 10 ގައި ނިމޭ އިރު، ފައިނަލްތަކާއި އެއްކޮށް މުބާރާތް ނިމެން ލަފާކޮށްފައި ވަނީ މި މަހުގެ 17 ހިސާބަށެވެ. ނަމަވެސް މެޗުތަށް ފަސްވެ އެންމެ ފަހުން އެސޯސިއޭޝަނުން ފައިނަލް ކުޅޭ ތާރީހަކަށް ނިންމީ މި މަހުގެ 21 އަދި 22 ދެ ދުވަހެވެ. ނަމަވެސް މެޗުތަށް ފަސް ކުރަަން ޖެހުމުގެ ސަބަބުން މި ތާރީހަށް ވެސް މުބާރާތް ނިމޭ ގޮތް ވަނީ ނުވެފަ އެވެ.
ގައުމީ މުބާރާތް ފަސްކުރި އިރު ބާކީ 5 މެޗު ނުކުޅެ އެބައޮތެވެ. އެއީ ފުރަތަމަ ޑިވިޝަންގެ އަންހެން އަދި ފިރިހެން ފައިނަލް މެޗާއި ދެވަނަ ޑިވިޝަން އަންހެން ސެމީ ފައިނަލް ދެވަނަ މެޗު އަދި ދެވަނަ ޑިވިޝަން އަންހެން އަދި ފިރިހެން ފަައިނަލް މެޗެވެ.
ރާއްޖޭގައި އިންޑޯ ހޭންޑްބޯޅަ ކޯޓެއް ނެތުމުގެ ހިތްހަމަނުޖެހުން އެސޯސިއޭޝަނުން ދަނީ އަބަދުވެސް ފާޅުކުރަމުންނެވެ. ނިމިދިޔަ ސަރުކާރުގައި އައުޓްޑޯ ކޯޓެއް އަޅައިދިން ނަމަވެސް ވިއްސާރަ މޫސުމުގައި މި ކޯޓުގައި މުބާރާތް ބޭއްވުން ވަނީ ބޮޑު ތަކުލީފަކަށެވެ.