-Advertisement-

-Advertisement-

މަސްއޮޑި ދެވަނަ ޑިވިޝަން ފެށީ ބޮޑު މޮޅަކުން

އިއްބެ މަސްއޮޑި ޓީމުގެ ފުރަތަމަ ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: އަބްދުالله ޔަޝާއު / ސިޑިބަރި

މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް މަސްއޮޑި ސްޕޯޓްސް ކުލަބުން ހޯދި ބޮޑު މޮޅާއިއެކު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ.

ތިން ފަހަރެއްގެ މަތިން ލަސްކުރެވުނު ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗުތައް ފަށާފައިވަނީ ގްރޫޕް އޭގައި މަސްއޮޑި އާއި މަހިބަދޫ ވާދަކުރި މެޗުންނެވެ. މި މެޗު މަސްއޮޑި ކާމިޔާބުކުރީ 4-0 އިންނެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލައިގެން ހުރި މުހައްމަދު ރަޝީދު (ހޮކޭ) ގިނަ ދުވަސްތަކަކަށްފަހު އެނބުރި ގަލޮޅު ދަނޑަށް ނިކުތް މެޗުގައި މަސްއޮޑީގެ ފުރަތަމަ ގޯލު ޖަހައިދިނީ އިބްރާހިމް ވަހީދު ހަސަން އެވެ. މިއީ އަހަރެއްހާ ދުވަހު ކުލަބު ފުޓްބޯޅައާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި މަސްއޮޑީގެ ފަހު ތިން ގޯލު ޖެހީ ދެވަނަ ހާފުގަ އެވެ. މި ގޯލުތައް ޖަހައިދިނީ އަބްދުﷲ ޒިޔާން އާއި ބިދޭސީ ކުޅުންތެރިޔާ އިލާމް ފިކްރީގެ އިތުރުން ހުސައިން ޝަރީފް އެވެ. އޭގެ ތެރެއިން ފިކްރީ ގޯލު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި މިއަދު ހަވީދު ބީޖީ ސްޕޯޓްސް ކުލަބު ނުކުންނާނީ ޓެންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

މިފަހަރުގެ ދެވަނަ ޑިވިޝަނަކީ މިހާތަނަށް ކުލަބުތަކުން އެންމެ ދުރާލާ އެންމެ ވަރުގަދަކޮށް ތައްޔާރުވި މުބާރާތެވެ. މިގޮތުން ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުތަކުގެ ތެރޭގައި ހިމެނޭ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ވަނީ ވަރުގަދައަށް މުބާރާތަށް ތައްޔާރުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-