-Advertisement-

-Advertisement-

އެމްޑީޕީއިން ޤުރުބާންވި ރާޝިދު، ކެހިވެރިއަކަށް!

ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު (ރީޑޯ) ޕީއެންސީއަށް ސޮއިކޮށް ފޯމު ހަވާލުކުރަނީ.

މިދިޔަ ސަރުކާރުގެ ބާރާއި ނުފޫޒް އެންމެ ފުޅާ ގޮތެއްގައި ބޭނުންކުރިތަން ފެނިގެންދިޔައީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައެވެ. ކޮމަންޑޫ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮނޑި ހުސްވީ އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އަލްމަރްޙޫމް ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި ނިޔާ ވުމުންނެވެ. ދާއިރާގެ ރައްޔިތުންގެ ޙަމްދަރުދީއާއި ލޯބި އުތުރިއެރި ދުވަސްކޮޅަކަށް ވުމުން ޕާޓިގެ އިސް ސަފަށްވެސް ފެނުނު އެންމެ ރަނގަޅު ގޮތަކީ ހުސައިން ވަހީދުގެ އާޢިލާއަށް ނިސްބަތްވާ ފަރާތަކަށް ބައިއިލެކްޝަނުން ގޮނޑި ހޯދައިދިނުމެވެ.
މަޝްވަރާތަކަކަށްފަހު ނިމިގެންދިޔައީ މުހައްމަދު ރާޝިދު (ރާޑޯ) އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށެވެ. ދައުރުގެ މެދުތެރެއިން ބާއްވާ ބައިއިލެކްޝަނަކަށް ވެފައި، ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮތުމުން އެމްޑީޕީއިންވެސް އެޕާޓީގެ ‘ސައިޒު’ ދައްކާލަން އަތްކުރި އޮޅާލާފައި ނުކުތެވެ. ސަރުކާރުގެ އެންމެ ފުރިހަމަ ބާރާއި ދައުލަތުގެ އެންމެހާ ވަސީލަތެއް ކޮމަންޑޫ ދާއިރާގެ ގޮނޑި ހޯދުމަށް ބޭނުންކުރާނޭ ކަމުގެ ފެހި ސިގްނަލް ރާޝިދުއަށް ދީ ކޮމަންޑޫ ހެއްވާލިއެވެ.
ތަރައްޤީގެ އެކި މަޝްރޫޢުތައް ކޮމަންޑޫއަށް އަދި ދާއިރާގައި ހިމެނޭ މަރޮށި އަދި ފޯކައިދޫއަށް އަންނަންފެށިއެވެ. 3 ރަށް ހިމެނޭ ދާއިރާގައި 12 މަޝްރޫޢެއް ފެށުމަށް އަވަސްއަރުވާލާފައި ސޮއިކުރިއެވެ. ސަރުކާރުގެ އެންމެ މަތީ ފަޑީގެ ވެރިން ކެންޕޭން ކުރައްވަން ދާއިރާއަށް ވަޑައިގަތެވެ. ވެރިކަން ހިންގާ ކޯލިޝަނުގެ ޕާޓީތަކުގެ ވެރިންވެސް ޢަމަލީގޮތުން ކެންޕޭން ކުރައްވަން ދާއިރާ ރައްޔިތުންގެ ގާތަށް ވަޑައިގަތެވެ.
ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކުއެކީގައި ރާޝިދުއަށް ތާއީދު ހޯއްދެވުމަށް ވަޑައިގަތެވެ. 2 ކޮމަންޑޫ ގުޅާލުމުގެ ހުވަފެނުގައި ރީނދޫކުލައިން ކުލަޖައްސަން ފެށިއެވެ. އައިސްޕްލާންޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރިއެވެ. ކޮމަންޑޫއަށް އާ އެންބިއުލާންސް އެއްވެސް ލިބިއްޖެއެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ އައްޑޫ ސިޓީ މޭޔަރުވެސް ކެންޕޭން ކުރައްވަން ށ. އަށް ވަޑައިގަތީއެވެ. ރަށްރަށުގެ ފެނަކަ ސްޓޭޝަން މެނޭޖަރުންނާއި އެހެނިހެން އިދާރާތަކުގެ ވެރިންވެސް ކޮމަންޑޫ ދާއިރާގައި ބާއްވާ ޖަލްސާތަކަށް ހާޒިރުވާން ފެށީއެވެ. ފެނަކައިގެ މުވައްޒަފުންނަށް ރާޝިދުއަށް ވޯޓްއެޅުމަށް ބިރުދައްކާ “އޯޑިއޯ ކްލިޕް” ވެސް ލީކްވާނެ ފެށިއެވެ. ފައިސާގެ އެތައް ނަހަލާލު މުޢާމަލާތެއް ކުރަމުންދާކަމުގެ އަޑު ގަދަވެއްޖެއެވެ.
ވާދަވެރި ކެންޕޭނަކަށްފަހު އެމްޑީޕީއިން ރާޝިދުއަށް ހޯދައިދިނީ އަގުބޮޑު ރަން ގޮނޑިއެކެވެ. މަޖިލީހުގެ އާންމު ކޮމިޓީ، ލާމަރުކަޒީ ކޮމިޓީއާއި މަޖިލީހުގެ އިމްތިޔާޒާއި ސުލޫކީ ކޮމިޓީއިން ފުރުސަތު ހޯދައިދީ މަޖިލީހަށް ރާޝިދުގެ އައުކަން ކަނޑުވައިދިނީވެސް އެމްޑީޕީއިންނެވެ.
އެތައްސަތޭކަ މިލިއަނަކުން އަގުކިޔޭ މަސައްކަތްތަކަކަށްފަހު އެމްޑީޕީއިން ހާސިލްކުރި ނަތީޖާގެ ފޮނިކަން ހިތިހަބަރަށް ހަދާލުމަށް ރާޝިދުއަށް މާބޮޑުކަމަކަށް ނުވިއެވެ. ދައުރު ނިމެން ދެތިން މަހަށް ވީމާ 2 މިލިއަނަށް ދާއިރާގެ ރައްޔިތުންގެ ތާއިދާއި، އެމްޑީޕީ އަދި އަމިއްލަ ނަފްސުވެސް ވިއްކާލަފާނެކަން ސާބިތުކޮށްދީފިއެވެ. ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރަން ސަފުހަދާފައި ދިޔަ އެމްޑީޕީގެ މެންބަރުންގެ ތެރޭގައި އެންމެ ހެވިފައި ހުރީވެސް ރާޝިދު އެވެ.
އެމްޑީޕީއިން ދައުލަތް އަރިކޮށްގެން ކުރި ކެންޕޭނަކުން އިންތިޚާބުކުރި މެންބަރަކު އެޕާޓީއަށް ބޭވަފާތެރިވިއިރު، އިނގިލި ބުރިކުރަން އުޅެގަތީމާ ރައީސް ޑރ. މުޢިއްޒަށް ބޭވަފާތެރި ނުވެދާނެކަމަށް ދެކުމަކީ ދެކޮޅުޖެހޭ ވާހަކައެއްބާއެވެ؟

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-